ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ގައްޒާފީގެ ސަރުކާރާ ދެކޮޅަށް 1994 ވަނަ އަހަރުން ފެށިގެން އިންގިލާބީ ހަރަކާތްތަކެއް ހިންގި ބައެއް ފަރާތްތައް ހައްޔަރު ކޮށް، އެމީހުންނަށް ވޭންދެނިވި އަނިޔާ ކުރުމުގައި އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި6 ގެ އޭޖެންޓުން ބައިވެރި ވެ އެހީތެރި ވެދީފައި ވާ ކަމަށް، އަލްޖަޒީރާގެ ތަހުގީގީ ނޫސްވެރީންގެ ހޯދުންތަކުން ހާމަ ވެއްޖެއެވެ.

ޤައްޛާފީގެ ސަރުކާރާ ދެކޮޅަށް އިސްލާމީ ޚިޔާލުގެ ލީޑަރުންތަކެއް އުފެއްދި ލީބިޔަން އިސްލާމިކް ފައިޓިންގ ގްރޫޕުގެ ލީޑަރުންގެ ތެރެއިން ޢަބްދުލްޙަކީމް ބިލްޙާޖާއި، ސާމީ އައްސާދީގެ އިތުރުން، އިސްމާޢީލް ކަމޫކާ ފަދަ އެތައް ބޭފުޅުންނެއް 2002 ވަނަ އަހަރު، އެގާރަ ސެޕްޓެންބަރުގެ މަޝްހޫރު ހަމަލާގެ ފަހުން ހައްޔަރު ކުރެވި، އިނގިރޭސި ވިލާތާއި ލީބިޔާގެ ޖަލުތަކުގައި އެތައް ދުވަހެއް ވާންދެން ގެންގުޅެވިފައިވެ އެވެ.

ހައްޔަރު ކުރެވުނު ފަރާތްތަކަށް އިނގިރޭސި ވިލާތުގެ ގުއަންޓަނަމޯ ބޭގެ ގޮތުގައި މަޝްހޫރު ވެފައި ވާ ބެލްމާރޝް ޖަލާއި، އަދި ލީބިޔާގެ ޠަރާބުލްސުގައި ހުންނަ އަބޫ ސާލިމް ޖަލު ފަދަ ޖަލުތަކުގައި، ވޭންދެނިވި އަނިޔާ ކޮށްފައި ވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ އަލްޖަޒީރާއަށް މައުލޫމާތު ދީފައެވެ.

އަލްޖަޒީރާގެ ތަހުގީގީ ނޫސްވެރީންގެ ދިރާސާތަކަށް ފަހު، މިއަދު ޝާއިއު ކުރި ރިޕޯޓުތަކުގައި ބުނެފައި ވަނީ ލީބިޔާގެ ޖަލުތަކުގައި ޢަބްދުލްޙަކީމް ބިލްޙާޖާއި ސާމީ އައްސާދީ ފަދަ ބޭފުޅުންނަށް ވޭންދެނިވި އަނިޔާ ކޮށްގެން، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ލީބިޔާގެ އެތައް ރައްޔިތުންނާ ދެކޮޅަށް ދޮގުހެކިބަސް ހޯދައިފައި ވާ ކަމަށެވެ. އެ ފަރާތްތަކަކާ ދެކޮޅަށް ދޮގުހެކި ހޯދި ފަރާތްތަކަކީ ޤައްޒާފީގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ލީބިޔާ ދޫކޮށްލައި، އިނގިރޭސި ވިލާތުގައި ދިރިއުޅެމުން ދިޔަ ލީބިޔާގެ ރައްޔިތުންނެވެ.

މިގޮތުން އަނިޔާ ކޮށްގެން ދޮގުހެކި ހޯދުމުގައި ލީބިޔާގެ އޭޖެންޓުންގެ އިތުރަށް ބޭރުގެ އެހެން ގައުމުތަކުގެ ޖާސޫސީ އޭޖެންޓުން ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ އޭޖެންޓުން ވެސް ހިމެނޭ ކަމަށް ބިލްޙާޖީ އާއި އައްސާދީ އަލްޖަޒީރާއަށް މައުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން ބިލްޙާޖީ އާއި ބައެއް އެހެން ބޭފުޅުން ވަނީ 2011 ވަނަ އަހަރު، އިނގިރޭސި ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ކޯޓެއްގައި ދައުވާ އުފުއްލަވައިފަ އެވެ. އެއީ އިންސާނީ ޙައްޤުތަކާ ބެހޭ އިނގިރޭސި ޤާނޫނުތަކާ ޚިލާފަށް، އެ ބޭފުޅުން ހައްޔަރު ކޮށް ލީބިޔާ ސަރުކާރާ ހަވާލު ކޮށް، އެ ބޭފުޅުންނަށް ވޭންދެނިވި އަނިޔާ ދިނުމުގައި ބައިވެރި ވެފައި ވާތީއެވެ.

ބިލްޙާޖީގެ ވަކީލުން ވިދާޅުވެފައި ވަނީ އިނގިރޭސި ވިލާތުގައި ތިއްބައި ހައްޔަރު ކުރެވުނު ލީބިޔާގެ ރައްޔިތުންނާއި އެމީހުންގެ އާއިލާތަކަކީ 2004 ވަނަ އަހަރު އިނގިރޭސި ސަރުކާރާއި ޤައްޛާފީގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެން "ގުރުބާން ކުރެވުނު" ބައެކެވެ.

ޤައްޒާފީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި ފަރާތްތައް ހައްޔަރު ކޮށް، ވޭންދެނިވި އަނިޔާތައް ދިނުމުގައި އިނގިރޭސި އެމްއައި6 ގެ ބައިވެރިވުމާއި އެހީތެރިކަން ލިބުނުކަން އެނގުނީ ޤައްޛާފީގެ ވެރިކަން ނިމުމަކަށް ގެނެވުނު އިންގިލާބަށް ފަހުގައެވެ.

"ޤައްޒާފީގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ހަނގުރާމަވެރިން ޠަރާބްލުސަށް ވަނުމަށް ފަހު، އެމީހުން ވަނީ ޤައްޒާފީގެ ސަރުކާރުގެ އިސް ވެރީންނާ ގުޅުން ހުރި ހުރިހާ ތަންތަނެއް ވަރަށް ރަނގަޅަށް ހާވައި، ބަލައި، ފާސް ކޮށްފައި. އެގޮތުން ޤައްޒާފީގެ ޖާސޫސީ ވެރިޔާ މޫސާ ކޫސާގެ އޮފީސް ބެލުމުގެ ތެރޭގައި ފެނުނު ލިޔެކިޔުންތަކުން ވަރަށް ތަފްސީލުކޮށް އެނގޭ ލީބިޔާ އާއި އިނގިރޭސި ޖާސޫސީ އިދާރާތައް ގުޅިގެން ކޮށްފައި ވާ ކަންކަން." އަލްޖަޒީރާގެ ތަހުގީގީ ނޫސްވެރިޔާ ޖޫލިއާނާ ރުފުސް ވިދާޅުވިއެވެ.

ފޮޓޯ (އަލްޖަޒީރާ) -