މާލިއްޔަތު ގާނޫނު ލަސްކުރުމަކާ ނުލައި ތަސްދީގު ކުރުމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.


ލަސްކުރުމަކާ ނުލައި މާލިއްޔަތު ގާނޫނު ތަސްތީގު ކުރުމަށް ދައުލަތުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެ އެވެ.


މާލިއްޔަތު ގާނޫނުގެ ފުރަތަމަ އިސްލާހު ތަސްދީގުނުކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލަސްކުރައްވަމުން ގެންދަވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރާއި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.


ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރި ނުވާ ނަމަ ލަސްކުރުމަކާ ނުލައި މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރަން ޖެހޭނެ ކަމަށެވެ.


ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ހުކުމުގައި  ބުނަނީ ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފި ނަމަ އެކަމަށް އިއުތިރާޒްކޮށް އަލުން ވިސްނެވުމަށް ފޮނުވާލުމުގެ ހައްގު ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި ނަމަވެސް  ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ބިލެއް ދެ ވަނަ ފަހަރަށް، އިސްލާހެއް ގެނައުމަކާ ނުލައި، މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ލަސްނުކޮށް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ. ތަސްދީގު ނުކުރައްވައި ލަސްކުރެއްވޭނީ އިންސާނީ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން ކަމަށެވެ.


ހުކުމުގައި ބުނަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން  ރައްޔިތުންގެ މަޖިލީހަށް ލިބިދޭ އިހުތިސާސްގެ ދަށުން  ފާސްކުރާ ބިލެއް ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖަނަމަ އެބިލެއް ރައީސް ތަސްދީގު ކޮށް ގެޒެތް ކުރަންވާނެ ކަމަށެވެ.


"...ހަމަ އެމާއްދާގެ އެއަކުރުގައި ސާފު ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާތީ އިންސާނީ ބާރު ނުފޯރާފަދަ އިހުތިޔާރުން ބޭރު ސަބަބައް މެދުވެރިގެން މެނުވީ ލަސްކުރުމަކާ ނުލައި އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަންވާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން" ކަމަށެވެ.


މާލިއްޔަތު ގާނޫނުގެ ފުރަތަމަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަހަރުގެ ޖޫން 28 ގަ އެވެ. މަޖިލީހުގެ އަގުލަބިއްޔަތާ އެކު އިސްލާހަކާ ނުލައި އެ ބިލު ފާސްކުރީ މިއ އަހަރުގެ އޮގަސްޓް 28 ގައެވެ.