18 Dec 2013, 14:29
އެތުލެޓިކޯ މެޑްރިޑްގެ އެޓޭކިން މިޑްފީލްޑަރު އެޑްރިއާން ލޮޕޭޒްއާ އެކު ހަދާފައިވާ އެއްބަސްވުން ތިން އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށް، އެ ކްލަބުން ބުނެފި އެވެ.
އެތުލެޓިކޯއިން ބުނީ އެ ކްލަބަށް ކުޅޭ 25 އަހަރުގެ ސްޕެއިން މިޑްފީލްޑަރާއެކު ކުލަބުން ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު ކޮސްފައިވާ ކަމަށެވެ.
"އެޑްރިއާން އަކީ މޮޅު ކުޅުންތެރިއެއް، އަދި ވަރުގަދަ ސަހުޝިއްޔަތެއް. އޭނާ ވަނީ މި ކްލަބަށް އޭނާގެ ފަރާތުން ދެވެންހުރި ހުރިހާ އެއްޗެއް ދީފައި،" އެޑްރިއާންގެ އެއްބަސްވުން އާކުރިކަން އިއުލާނުކުރަމުން އެތުލެޓިކޯގެ ޕްރެޒިޑެންޑް އެންރިކް ސެރެޒޯ ވިދާޅުވި އެވެ.
މިފަހަކަށް އައިސް ޔޫރަޕްގެ ބައެސް ކްލަބުތަކުން އެޑްރިއާން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އެޑްރިއާން ބުނީ، އޭނާ އެ ކްލަބުގައި ހުރީ ވަރަށް ހިތް ހަމަޖެހިގެން ކަމަށާއި އަދި އެ ކްލަބާއެކު އިތުރު ކާމިޔާބުތަށް ހޯދަން ބޭނުންވާ ކަމަށެވެ.
"މި ކްލަބާ އެކު ކުރިއަށް ދިއުމަކީ އަހަރެންގެ އަބަދުވެސް އެންމެ އެދޭގޮތް،" 2011 ވަނަ އަހަރުގެ ޔުއެފާ ޔޫރަޕިއަން 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ސްޕެއިންއާ އެކު ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ. "މި ކްލަބަކީ އަހަންނަށް ވަރަށް ހާއްސަ ކްލަބެއް. އަދި އަހަރެމެން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އަހަރެންގެ ފަރާތުން ލެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނަން."
އެތުލެޓިކޯގައި ޔުއެފާ ޔޫރޮޕާ ލީގާއި ޔުއެފާ ސުޕަކަޕް އަދި ކޮޕް ޑެލްރޭ ކާމިޔާބު ކުރުމުގެ ޝަރަފް ހޯދާފައިވާ އެޑްރިއާން މިހާރު މިސްރާބު ޖަހާފައިވަނީ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އޭސީ މިލާން ބަލިކޮށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.
ޑިޕޯޓިވޯއިން 2011 ވަނަ އަހަރު އެތުލެޓިކޯއާ ގުޅުނު ފަހުން އެޑްރިއާން ވަނީ އެޓީމަށް 79 މެޗު ކުޅެ، 11 ލަނޑު ޖަހައިދީފަ އެވެ.