18 Dec 2013, 14:10
އަންނަ އަހަރުގެ މާޗްގައި ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ ދާއރާތަކުގެ ފައިނަލް ރިޕޯޓް އާންމުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަންއިން މިއަދު އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީސް 77 ދާއިރާ އަށް ބަހާލާފައި ވަނީ ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 85 ދާއިރާ އޮންނާނެއެވެ.
ދާއިރާތައް އިތުރުވާ އަތޮޅުތަކަކީ ހދ އަތޮޅާއި ނ އަތޮޅާއި އދ އަތޮޅާއި ތ އަތޮޅާއި ގދ އަތޮޅާއި އައްޑޫ ސިޓީ ގެ ތެރެއިން ކޮންމެ އަތޮޅަކަށް އެއް ދާއިރާ އިތުރުވާއިރު މާލޭ ސިޓީއަށް ދެ ދާއިރާއެއް އިތުރުވެ އެވެ. މާލޭ ސިޓީއަށް އިތުރުވާ ދެ ދާއިރާގެ ތެރޭގައި ހުޅުމާލެ އާއި ވިލިމާލެ ދެ ދާއިރާއަކަށްވެ އެވެ. އަދި ވިލިމާފަންނު ދާއިރާގެ ނަން މިހާރުވަނީ "މާފަންނު ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުކޮށްފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުޅުމާލެ އާއި ވިލިމާލެ ދެ ދާއިރާގެ ގޮތުގައި ހަމަޖައްސާފައިވަނީ އެދެ ދާއިރާއަކީ މުސްތަގުބަލުގައި މީހުންގެ އާބާދުކުރުމުގެ ފުރުސަތު ބޮޑު އަދި ދަފްތަރުގައި ހިމެނޭ ގިނަ ބަޔަކު މިހާރު ވެސް ބޯހިޔާވަހިކަން ހޯދަމުންދާ ދެ ދާއިރާ ކަމުގައިވުމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ދާއިރާތަކުގައި އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ އަކުރު ހިމަނައިގެން ދައިރާތަކުގެ ނަންތައް ބަދަލުކޮށްފަ އެވެ. އެގޮތުން ކޮޅުމަޑުލު ގުރައިދޫ ދާއިރާގެ ނަން "ތ. ގުރައިދޫ ދާއިރާ" އަށް މާލެ އަތޮޅު ގުރައިދޫ ދާއިރާގެ ނަން "ކ. ގުރައިދޫ ދާއިރާ" އަށް ބަދަލުކޮށްފައިވެ އެވެ. އަދި ނިލަންދެ އަތޮޅު ދެކުނު ބުރީ މީދޫ ދާއިރާގެ ނަން "ދ. މީދޫ ދާއިރާ" އަށް، އައްޑު އަތޮޅު މީދޫ ދާއިރާ "ސ. މީދޫ ދާއިރާ" އަށް ބަދަލުކޮށްފައިވެ އެވެ.