ޖަޕާނުން އެތައް ދަހައެއް ވާންދެން ގެންގުޅެފައި ވާ އަސްކަރީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެނެސް، އަސްކަރިއްޔާ ތަރައްގީ ކޮށް ދިފާއީ ޚަރަދުތަކުގެ ބަޖެޓު ބޮޑު ކުރާން ހުށަހެޅުނު ހުށަހެޅުމެއް އެ ގައުމުގެ ކެބިނެޓުން ފާސް ކޮށްފިއެވެ.

ދިފާއީ ޚަރަދުތަކުގެ ބަޖެޓު ބޮޑު ކުރުމާ އެކު، ޖަޕާނުގެ އަސްކަރިއްޔާއަށް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި މީހުންނާ ނުލައި އުދުހޭ ޑްރޯނާއި، ރާޑަރަށް ނާރާ ވައްތަރުގެ އަސްކަރީ މަތިންދާބޯޓާއި، ފެނާއި ބިމުގައި ދަތުރު ކުރާ އުޅަނދުފަހަރާއި، ހަނގުރާމަމަތީ ސަބްމެރީނާއި، މިސައިލާ ދެކޮޅަށް ހަނގުރާމަ ކުރާ އުޅަނދުފަހަރާއި، ހަނގުރާމަމަތީ މަތިންދާބޯޓުގެ ބޮޑު ސްޓޮކެއް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، ކަނޑުމަގުން އަރައި ރަށްރަށް ހިފައިގަތުމުގެ ގާބިލިއްޔަތު ލިބިގެން ވާ ޚާއްސަ ޔުނިޓެއް ކަނޑުގެ ލަޝްކަރަށް މުޅީން އަލަށް އިތުރު ކުރާން ވެސް ޖަޕާނުން ވަނީ ނިންމައިފައެވެ.

ޖަޕާނުގެ އަސްކަރީ ސިޔާސަތަށް މުހިއްމު ބަދަލުތަކެއް އައިސްފައި މި ވަނީ، އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާތަކެއްގެ މިލްކުވެރިކަމާ މެދު އެ ގައުމާއި ޗައިނާއާ ދެމެދު އުފެދިފައި ވާ ހޫނު ދެބަސްވުންތަކެއްގެ މޯހިރުގައެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ޖަޕާނުގެ ސިޔާސަތަށް މި ގެނެވުނު ބަދަލުގެ ސަބަބަކީ ޗައިނާއަށް މެސެޖެއް ދިނުމެވެ.

މިލްކުވެރިކަމާ މެދު ޚިލާފު އުފެދިފައި ވާ ޖަޒީރާތަކުގެ މައްޗަށް ބާރު ފޯރުވައި، އަމިއްލަ ކުރުމަށް ޗައިނާ ސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ޖަޕާނާއި ކޮރެއާ ފަދަ ގައުމުތަކުން ތުހުމަތު ކުރެއެވެ.

އެތައް ދަހަތަކެއް ވާންދެން ދިފާއީ ބަޖެޓު ކުޑަ ކުރަމުން އައިސްފައި ވާ ޖަޕާނުން، ދިފާއީ ބަޖެޓު އެންމެ ފުރަތަމަ ބޮޑު ކުރީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. އެއަށްފަހު ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އެބޭ ވަނީ ޖަޕާނުގެ އަސްކަރީ ހަރަކާތްތަކުގެ ދާއިރާ ފުޅާ ކޮށް، އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރާން ގޮވައިލައްވައިފައެވެ.

ޖަޕާނުގެ އަސްކަރިއްޔާ ކުޑަ ކޮށް، އަސްކަރީ ޚަރަދުތައް ވެސް ވީ އެންމެ ކުޑަ މިންވަރެއްގައި ބަހައްޓާން ޖެހޭ ގޮތަށް އެ ގައުމުގެ ގާނޫނުއަސާސީ އެކުލަވައިލައިފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. އަމްބަރާތޫރީ ޖަޕާނުން ގެންގުޅުނު ހަނގުރާމަވެރި ސިޔާސަތުތަކާ ދުރުހެލި ވުމަށް ޓަކައި އަލަށް ތައާރަފު ކުރެވުނު ސިޔާސަތުތަކުގެ ދަށުންނެވެ.

މި އަހަރުގެ ތެރޭގައި ބޮޑުވަޒީރު ޝިންޒޯ އެބޭ ވަނީ "ނެޝަނަލް ސެކިޔުރިޓީ ކައުންސިލް" ގެ ނަމުގައި ގައުމީ ސަލާމަތާ ބެހޭ އައު އިދާރާއެއް ވެސް އުފައްދަވައިފައެވެ.

ޖަޕާނުގެ އަސްކަރީ ސިޔާސަތަށް ގެނެވުނު ބަދަލުތަކާ އެކު، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖަޕާނުން ދިފާއީ ކަންކަމާއި އަސްކަރީ ތަރައްގީއަށް 23.97 ޓްރިލިއަން ޔެން (232 ބިލިއަން އެމެރިކާ ޑޮލަރު) ޚަރަދު ކުރާނެއެވެ.

2012 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަޕާނަކީ ދުނިޔޭގައި އެމެރިކާ އާއި، ޗައިނާ އާއި، ރަޝިއާ އާއި، އިނގިރޭސި ވިލާތަށް ފަހު، އަސްކަރިއްޔާއަށް އެންމެ ގިނައިން ޚަރަދު ކުރާ ގައުމެވެ. 2012 ވަނަ އަހަރު އެ ގައުމުން އަސްކަރީ އަދި ދިފާއީ ކަންތައްތަކަށް 59.3 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ.

2003 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމަޔަށް ޖަޕާނުގެ އަސްކަރީ އަދި ދިފާއީ ބަޖެޓު 3.6 އިންސައްތަ ދަށަށް ގޮސްފައި ވިޔަސް، އައު ސިޔާސަތުތަކާ އެކު އެ ބަޖެޓު 2.6 އިންސައްތަ އިތުރު ވާނެއެވެ.

މީގެ ހަފުތާއެއްހައި ދުވަސް ކުރީން ޖަޕާނުން ވަނީ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކަށް ލޯނު އެހީގެ ގޮތުގައި 20 ބިލިއަން ޑޮލަރު ދޭން ވެސް ނިންމައިފައެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މި އެހީގެ މަގުސަދަކީ ޗައިނާއާ ޖަޕާނާ ދެމެދު އުފެދިފައި ވާ މައްސަލައިގައި، އާސިއާންގެ މެންބަރުންގެ ހަމްދަރުދީ ޖަޕާނަށް ހޯދުމާއި، ސަރަހައްދުގެ އަސްކަރީ ވަޒަން ވަކި ފަރާތަކަށް ބުރަ ވިޔަ ނުދިނުމަށް ޓަކައި ދުރާލައި ސިޔާސީ ގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.