ޖަރުމަނު ސަރުކާރުގެ ހިލޭ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއްގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަރުމަނާއެކު އެއްވަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަށްވުމަށް މަސައްކަތްކުރުމާއި ކާބަން މަދު އިގްތިސާދެއް ބިނާކޮށްގެން އަދި ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރު ދަށްކޮށްގެން ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހިންގާ "ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލް އޮފް ދަ މޯލްޑިވްސް"ގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ. އަދި ޖަރުމަން ސަރުކާރު ތަމްސީލުކުރާ ޖީއައިޒެޑްގެ ފަރާތުން ސޮއިކުރެއްވި ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު މިސް ރަންޑާ ކޮރެއޭ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލް އޮފް ދަ މޯލްޑިވްސް" މަޝްރޫއަކީ ޖަރުމަނުގެ ހިލޭ އެހީގެ ދަށުން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުއަށް ޖަރުމަން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތިން މިލިއަން ޔޫރޯ (63 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްރޫއުގެ އެންމެ މުހިއްމު ބަޔަކީ ދ. ކުޑަހުވަދޫގަ އާއި ރ. އުނގޫފާރުގައި ޑީސަލް ހައިބްރިޑް ސޯލާރ ޕީވީ ސިސްޓަމް ގާއިމްކުރުން. އެ ޕްރޮގްރާމް އަމަލީ މަސައްކަތްތައް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ. އަދި އަންނަ އަހަރުގެ އޮގަސްޓު މަހަށް ނިންމާލެވޭ ވަރު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދ. ކުޑަހުވަދޫގައި ގާއިމްކުރާ 166 ކިލޯވޮޓުގެ ޕީވީ ސިސްޓަމްއާއި ރ. އުގޫފާރުގައި ގާއިމްކުރެވޭ 119 ކޮލޯވޮޓުގެ ޕީވީ ސިސްޓަމްގެ ސަބަބުން ރަށުގެ ދުވާލުގެ ކަރަންޓް ބޭނުންކުރާ މިންވަރު އެންމެ މަތީ ލޯޑުގެ 30 ޕަސެންޓާއި އެއްވަރަށް ސޯލާ އެނާޖީ ބޭނުންކޮށްގެން ކަރަންޓް އުފެއްދޭނެ ކަމަށެވެ.

ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކަންތައްތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބުރުގައި ކާބަން ނިއުޓްރަލް ސިޔާސަތަށް މަގު ޗާޓެއް ހެދި، ރާއްޖޭގައި ފުރަތަމަ ފަހަރަށްހަދާ ރިނިއުބަލް އެނާޖީ އިންވެސްޓަމަންޓް ގައިޑެއް ހެދިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ކާބަން ނިއުޓްރަލް ސިޔާސަތަށް މަގުޗާޓެއް އެކުލަވާލާއިރު ރިސޯޓުތަކަށް ލޯ ކާބަން ގައިޑްލައިނެއް ތައްޔާރުކުރެވޭނެ. މިނިސްޓަރީ އާއި ޔުޓިލިޓީސްގެ ސްޓާފުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގޭނެ. ރާއްޖޭގެ އޭސީ ތަކުން ހަކަތަ ބޭނުންކުރާ ވަރު ދެނެގަތުމަށް ސާވާއެއް ހެދޭނެ. އަދި މުހިއްމު ކަމެއްގެ ގޮތުގައި ސްކޫލުތަކަށް އަމާޒުކޮށްގެން އެނާޖީ އޯޑިޓް ކުރިއަށްގެން ގޮސް ހޭލުންތެރިކުރުވުމުގެ ކެމްޕެއިން ހިންގޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސަޕޯޓް ފޯ ދަ ކްލައިމެޓް ނިއުޓްރަލް އޮފް ދަ މޯލްޑިވްސް" މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަކަތައިގެ ޔަގީންކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.