ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާގެ ހުކުމް އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވާ ނިމުމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ޖެނުއަރީ ނުވަ ވަނަ ދުވަހު އެ މައްސަލައާ މެދު ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވާނެ ކަމަށެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވަނީ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާބިރުގެ ވަކީލު ދައްކާފައިވާ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.

ޖާބިރުގެ ވަކީލު އިޝްރާގު ތައުފީގު ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް ޖާބިރު މަސްތުވާތަކެތިދިން މަންޒަރު ނުފެންނަ ކަމަށާއި އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރުމުން ވެސް މަސްތުވާތަކެތި ނުފެންނަ ކަމަށް ހެކީން ބުނެފައި ވާތީ، ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުން ޖާބިރު ބަރީއަތްވާ ކަމަށެވެ.

ޖާބިރުގެ ވަކީލުގެ އެވާހަކައަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ އެ މީހެއްގެ އަތުން މަސްތުވާތަކެތި ނުފެނު ކަމަށް ވިޔަސް އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ހަތަރު ގުރާމަށްވުރެ މަދުން ކެނަބިސް ފެނިއްޖެ ކަމަށްވާނަމަ އެއީ ކެނަބިހުން މުއާމަލާތްކުރީ ކަމަށް ބެލެވޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ވަކީލާ ވިދާޅުވީ ހޮނޑައިދޫން ޖާބިރާއި އިތުރު ބަޔަކު ހައްޔަރު ކުރި ސަރަހައްދަކީ ވަގުތީ ގޮތުން އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށެވެ. އަދި ވިދާޅުވީ އެ މީހެއްގެ ކޮންޓްރޯލް ދަށުގައިވާ ތަނަކުން ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެ މީހަކު އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ޖާބިރާއި އިތުރު ބަޔަކު ހައްޔަރު ކުރި ދިމާލާ ދިހަ ފޫޓު ދުރުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތިން ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ޖާބިރުގެ ވަކީލު އިޝްހާރު ވިދާޅުވީ ހޮނޑައިދޫ އަކީ ޖާބިރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށެއް ނޫންކަން ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވިދާޅުވެފައި ވަނީ ހޮނޑައިދޫ އަކީ ޔޮޓުޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ރަށެއް ކަމަށާއި ހޮނޑައިދޫން ޖާބިރު ހައްޔަރު ކުރި އިރު އެ ރަށް ބެލެހެއްޓުމަށް މުހައްމަދު ހަމްދާން ޒަކީއާ ވަނީ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ކަމުގެ އެގްރީމެންޓް ވެސް އޭނާ ވަނީ އެ ދުވަހު ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

ފުލުހުން ހޮނޑައިދޫގައި ޖާބިރަށް އަނިޔާ ކުރިކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށާއި އެހެންކަމުން ފުލުހުންދޭ ހެކިބަސް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ޖާބިރުގެ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ.