18 Dec 2013, 11:39
އެޑިން ޒެކޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-1 އިން ލެއިސެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ކެޕިޓަލް ވަން ކަޕްގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގައެއް ހޯދިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 2-1 އިން މޮޅުވެ ސަންޑަލޭންޑު ވެސް އެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދައިފި އެވެ.
ލެއިސެސްޓާގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، އަށް ވަނަ މިނިޓުގައި އެލެގްޒެންޑާ ކޮލަރޯފް އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން 41 ވަނަ މިނިޓުގައި ޒެކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. ސިޓީގެ ތިން ވަނަ ލަނޑު އަދި މެޗުގައި ޒެކޯ ޖަހައިދިން ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ދެވަނަ ހާފު ފެށިގެން 53 ވަނަ މިނިޓްގަ އެވެ. މި މެޗުގައި ލެއިސެސްޓާ ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޮއިޑް ޑަޔާ އެވެ.
ވޭތުވެ ދިޔަ ފަސް ސީޒަންގެ ތެރޭގައި ތިން ވަނަ ފަހަރަށް ލީގުކަޕްގެ ސެމީ ފައިނަލާ ހަމައަށް ސިޓީ ދަތުރު ކުރި ނަމަވެސް އެޓީމަށް 1976 ވަނަ އަހަރުގެ ފަހުން އެ މުބާރާތުގެ ފައިނަލާ ހަމައަށް ދެވިފައެއް ނުވެއެވެ.
ސްޓޭޑިއަމް އޮފް ލައިޓްގައި ޗެލްސީއާ ދެކޮޅަށް ސަންޑަލޭންޑު ކުޅުނު 120 މިނިޓަށް ދެމިގެންދިޔަ މެޗު އެޓީމު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ވަގުތުގައި އަދި އިތުރަށް ކުޅުވި 30 މިނިޓުގެ ވެސް ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ 90 މިނިޓުގައި ރަނގަޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރަމުން ގެންދިޔަ ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެޓީމުގެ ފޯވާޑް ލައިނަށް ސްކޯނުކުރެވުމެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ސަންޑަލޭންޑުގެ ލީ ކެޓަމޯލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޗެލްސީއަށް 1-0ގެ ލީޑެއްގައި އޮވެ މެޗު ނިމެން ދަނިކޮށް 88 ވަނަ މިނިޓުގައި ސަންޑަލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަބިއޯ ބޮރިނީ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުވި 30 މިނިޓުގެ ފަހު މިނިޓުގައި ސަންޑަލޭންޑު ކޮޅަށް މެޗުގެ ނަތީޖާ އަނބުރައިލީ އެޓީމުގެ ކޮރެއާ ފޯވާޑް ކީސުން ޔުއެން އެވެ.
މި ނަތީޖާއާ އެކު މުބާރާތުގެ ގަދަ ހަތަރެއްގައި ވާދަކުރާ ޓީމުތަށް ކަށަވަރު ވާނީ، މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ސްޓޯކް ސިޓީ އަދި ޓޮޓެންހަމްއައި ވެސްޓްހެމް ކުޅޭ ކުއާޓާފައިނަލް ނިމުމުންނެވެ.