ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް މަގާމުން ވަކިކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރު ވިދާޅުވެފައި ވަނީ "މިސް އަންޑަސްޓޭންޑިންގ"އަކުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޝާހް މިއަދު "ސަން"އަށް ވިދާޅުވީ މިނިސްޓަރު އަމީން އާއި މެދު އެ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އަމީން ވަކިކުރުމުގެ ވިސްނުމެއް އެ ޕާޓީއިން ނުގެންގުޅޭ ކަމަށެވެ. އަދި އަމީން ވަކިކުރަން ހުށަހަޅާނެ ކަމަށް މޫސާ އަންވަރު ވިދާޅުވެފައި ވަނީ މިސްއަންޑަސް ޑޭންޓިންއަކުން ކަމަށް، މޫސާ އަންވަރު ވިދާޅުވެފައިވާ ކަމަށް ޝާހް ވިދާޅުވި އެވެ.

"އަޅުގަނޑު ރޭ މޫސާ އަންވަރަށް ގުޅާލިން، މޫސަ ވިދާޅުވީ ހިންހަމަނުޖެހުމެއް ހިންގީ މިސް އަންޑަސްޓޭޑިން އެއްގައޭ، މޫސަ ވިދާޅުވި މިއަދު މީޑިއާތަކަށް ގުޅާފަ އެއީ ތިމަންނަގެ މިސް އަންޑަސްޓޭޑިންއެއް ކަމަށް މީޑިއާތަކުގައި ވާހަކަ ދައްކާނެ ކަމަށް،" ޝާހް ވިދާޅުވިއެވެ.

ނަމަވެސް މޫސަ އަންވަރު މިއަދު ގުޅާލުމަށް ފޯނަކަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ. ސަން އަށް މައުލޫމާތު ދެއްވަމުން ރޭ މޫސާ އަންވަރު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން ވަޒީރު ކަމުން ވަކިކުރެއްވުމަށް އޭނާ ބޭނުން ވަނީ މިނިސްޓަރުކަމުގައި ހުންނަވައިގެން ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޖޭޕީގެ ސެކެޓުރީ ޖެނެރަލް ޝާހް ވިދާޅުވީ އަމީން އާއި ދޭތެރޭ ހިންހަމަނުޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި އަމީން އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އެކަމާއި ގުޅިގެން މޫސާ އަންވަރާއި މިނިސްޓަރު އަމީންގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް ގުޅާލުމުން ވެސް ފޯނަށް ނުނަގާތީ އެބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.