ސަރުކާރުން މަޖިލީހަށް ހުށަހެޅި 17.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީން ގެނައި ބަދަލުތަކާއެކު 18.2 ބިނިއަން ރުފިޔާއަށް ބޮޑުކޮށްފި އެވެ.

ސިއްރުކޮށް ކުރިއަށް ގެންދާ ބަޖެޓް ކޮމިޓީގެ ނުރަސްމީ މަޝްވަރާތަކުގައި ބަޖެޓަށް ގެންނަން އެއްބަސްވި އިސްލާހުތަކާއެކު 18.2 ބިލިއަން ރުފިޔާއަށް ބޮޑުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަޖެޓައް އިތުރުކުރެވިފައި ވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓްތަކަށް އިތުރު ކުރި 400 މިލިއަން ރުފިޔާ އާއި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އިތުރުކުރި 250 މިލިއަން ރުފިޔާ ކަމަށެވެ.

"އެގޮތަށް ފާސްކޮށްފައިވާއިރު އިއުތިރާޒް ކުރައްވާ އެއްވެސް މެމްބަރަކު ނެތް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުން ދަނީ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި މިއަދުގެ ވަގުތެއްގައި އެ ރިޕޯޓް މަޖިލީހުގެ ރައީސް އަބުދުއްﷲ ޝާހިދު ހުށައަޅުއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަޖިލީހުން ފާސްކުރި ބަޖެޓުގައި މިނިވަން މުއައްސަސާތަކުގެ ތެރެއިން ވަކި ވަކި މުއައްސަސާތަކަށް އިތުރަށް ޖެހޭ އަދަދުތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ބަޖެޓް ކޮމެޓީގައި ހިމެނޭ ސަރުކާރު ތަމްސީލް ކުރާ މެމްބަރުން ވިދާޅުވަފައި ވަނީ މިނިވަން މުއައްސަސާތަކަށް ބަޖެޓް ބޮޑުކޮށްދޭނަމަ އާމްދަނީ ލިބޭނެ އިތުރުގޮތް ގޮތް މަޖިލީހުން ފާސްކޮށްދޭން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މަޖިލީހުގެ ބަޖެޓަށް ގެނައި އިސްލާހުތަކާއެކު ބަޖެޓް ވަނީ 17.5 ބިލިއަނަށް ބޮޑުވެފަ އެވެ.

ބަޖެޓް ކޮމެޓީއަށް މީޑިއާތައް ނުވައްދައި އެ ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.