ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އޭނާގެ އާއިލާއާއެކު އަނެއްކާވެސް އަގުބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ރާވަމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައިރިޝް އިންޑިޕެންޑެންޓްގައި ބުނެފައި ވަނީ، ސުޕަ-ސްޓާ ދެމަފިރިން ކަމަށްވާ ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އެ ދެމަފިރިންގެ ހަތަރު ދަރިން ކަމަށްވާ ބްރުކްލީން، ރޯމިއޯ، ކްރުޒް އަދި ހާޕާ ބެކަމްއާ އެކު އާއަހަރު ފެށުމާ ދިމާކޮށް ރާއްޖޭގެ ހަތްތަރީގެ ހޮޓަލެއްގައި ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބެކަމްގެ ދެމަފިރިންނާއި ހަތަރު ދަރިން ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި 11 ދުވަހުގެ ޗުއްޓީއެއް ހޭކުރި އިރު ބެކަމްގެ އެ ދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު [6.3 މިލިޔަން ރުފިޔާ] ހަރަދުކޮށްފައި ވާކަމަށް ވެއެވެ.