09 Dec 2010, 20:02
ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން އިހުތިރާމް ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވީ ސުޕްރީމްގެ ހުކުމްގައި މުތާލިއާކޮށްލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށާއި ނަމަވެސް "އެއްވެސް ޝައްކެއް ނެތް މިންވަރަށް" ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން އިހުތިރާމް ކުރައްވާނެ ކަމަށެވެ. ޒުހެއިރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ ވެސް މިހުކުމާ އެކު ކުރިއަށް ވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
ޑިސެމްބަރު 1ގެ ކުރިން މަޖިލީހަށް ބަޖެޓް ފޮނުވާފައި ވާތީ ދެން އެކަމުގައި ކުރިއަށް ދާނީ ކިހިނެތްތޯ ދެންނެވުމުން ޒުހެއިރު ވިދާޅުވީ ދައުލަތް ގާނޫނީ ހުސްކަމަކަށް އަޔަށް ނުދިނުމަށް ރައީސް އާ ބޭފުޅުން އައްޔަން ކުރުއްވަން ދެން އެބޭފުޅުންނަށް މަގާމުގައި ދެމިތިބެވޭނެ ކަމަށް ހުކުމުގައި ބުނެފައިވާތީ ހުކުމް އިތުރަށް މުތާލިއާ ކުރުމަށް ފަހު އެކަންކަމުގެ މައްޗަށް ގޮތެއް ނިންމާވާނެ ކަމަށެވެ.
އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި އާ ވަޒީރުން އައްޔަން ކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
"އެކަމުގައި މާ ބޮޑު މުއްދަތެއް ނަގާނެ ކަމަކަށް ނުދަންނަވާނަން. މިހެން މިދެންނެވީ ހުކުމައިގެން ކުރިއަށް ވަޑައިގަންނަވާ ގޮތަށް ރައީސް ހުންނެވީ. ކުރިއަށް އޮތް ތަނުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި އެކަންކަން ނިންމަވައި ދެއްވާނެ" ޒުހެއިރު ވިދާޅުވި އެވެ.