އޭޝިއާގެ ޗެމްޕިއަން ގުއަންޒޫ އެވަގްރާންޑޭ ފަސޭހަކަމާއެކު 3-0 އިން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިޔުނިކް ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މޮރޯކޯގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލްގައި ޗައިނާގެ ގުއަންޒޫ ކޮޅަށް ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 40 ވަނަ މިނިޓުގައި ފްރޭންކް ރިބެރީ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ބަޔާންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޯށްދިނީ އެޓީމުގެ ކްރޮއޭޝިއަން ފޯވާޑް މާރިއޯ މަންޒުކިޗް އެވެ.

ކްލަބު ވޯލްޑް ކަޕުގައި މި ދެޓީމު ވެސް މުޅިން އަލަށް ވާދަކުރާއިރު އަދި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ބަޔާން އިން ޖެހި ފަހު ލަނޑު ފަހު ހާފު ފެށިގެން ދެވަނަ މިނިޓުގައި ކާމިޔާބުކުރީ މާރިއޯ ގޮޓްޒާ އެވެ.

ކްލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ބަޔާން ވާދަކުރާނީ މިއަދު ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މޮރޮކޯގެ ޗެމްޕިއަން ރާޖާ ކަސަބްލަންކާ އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު މޮރޮކޯގެ މަރަކާޝް ސްޓޭޑިއަމްގަ އެވެ. އަދި ހަމަ އެދުވަހު ފައިނަލްމެޗުގެ ކުރިން މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި ސެމީފައިނަލުން ބަލިވި ދެ ޓީމު ވާދަކުރާނެ އެވެ.