18 Dec 2013, 09:25
ޖަރުމަންވިލާތުގެ ޗާންސެލަރުކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި އެންޖެލާ މާރކެލް ތިންވަނަ ދައުރަކަށް އެ މަގާމުގައި ބަހައްޓާން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ބުންޑެސްޓާގުން ފާސް ކޮށްފިއެވެ. އައު ދައުރެއްގައި މާރކެލް ޗާންސެލަރުކަމުގެ މަގާމު އަދާ ކުރައްވާނީ ކޯލިޝަން ސަރުކާރެއްގެ ވެރިޔާގެ ގޮތުގައެވެ.
މިއަދު ނެގުނު ވޯޓުގައި، ޗާންސެލަރުކަމުގެ އައު ދައުރަކަށް މާރކެލް އިންތިޚާބު ކުރުމަށް 462 މެންބަރުން ވޯޓު ދީފައި ވެއެވެ. 9 މެންބަރުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. މަޖިލިހަށް ހާޒިރު ވެ ތިބި 621 މެންބަރުންގެ ތެރެއިން މާރކެލްއާ ދެކޮޅަށް ވޯޓު ދިނީ 150 މެންބަރުންނެވެ.
"އަޅުގަނޑު މި ނަތީޖާ ގަބޫލު ކޮށްފިން، އަދި ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރަށް ޓަކައި ޝުކުރު އަދާ ކުރަން." ބުންޑެސްޓާގުގައި ނެގުނު ވޯޓަށް ފަހު މާރކެލް ވިދާޅުވިއެވެ. އެއަށްފަހު އޭނާ ވަނީ ހަދިޔާއަކަށް އެރުވުނު ގުލްދަސްތާއެއް ގަބޫލު ކުރައްވައި، މަޖިލިހުގެ މެންބަރުންނާ ސަލާމް ކުރައްވައިފައެވެ.
ބުންޑެސްޓާގުގައި ބާއްވާ ޚާއްސަ މަޖިލިހެއްގައި، މަގާމުގެ ހުވާ ކުރައްވައި މަގާމާ ހަވާލު ވެވަޑައިގަތުމުގެ ކުރީން، މާރކެލް ރައީސް ޔޯކިމް ގައުކާ ބައްދަލު ކުރައްވާނެއެވެ.
މި އަހަރުގެ ސެޕްޓެންބަރު 22 ގައި ބޭއްވުނު އިންތިޚާބުގައި މާރކެލްގެ ކްރިސްޓިއަން ޑިމޮކްރަޓިކް ޔުނިއަން (ސީޑީޔޫ) ޕާޓީ އާއި، އެ ޕާޓީއާ އެކު ކޯލިޝަނެއްގައި އޮތް ކްރިސްޓިއަން ސޯޝަލް ޔުނިއަން (ސީއެސްޔޫ) ޕާޓީއަށް ބުންޑެސްޓާގުން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވުނު ނަމަވެސް، އެ ދެ ޕާޓީއަކަށް މަޖިލިހުގެ އަޣްލަބިއްޔަތެއް ނުލިބުނެވެ. އަދި ކުރީގެ ސަރުކާރުގައި އެ ދެ ޕާޓީއާ އެކު ކޯލިޝަނުގައި ބައިވެރި ވި ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއަކަށް މަޖިލިހުގައި ބައިވެރި ވެވޭ ވަރަށް ގޮނޑި ކާމިޔާބެއް ނުކުރެވުމާ ގުޅިގެން އެ ޕާޓީތައް ވަނީ މަޖިލިހުން ބޭރު ވެފައެވެ. މި ހާލަތުގައި، އައު ސަރުކާރެއް އުފެއްދުމާ ބެހޭގޮތުން ތިން މަސް ދުވަހުގެ ދިގު މުއްދަތަށް މަޝްވަރާތައް ކުރެވި، މާރކެލްގެ ކޯލިޝަނާ ގުޅެން ނިންމީ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެސްޕީޑީ) އެވެ.
އެސްޕީޑީ އަކީ، ސީޑީޔޫ އާއި ސީއެސްޔޫއާ ޚިލާފަށް، މެދުވައަތުފިޔައިގެ، މިނިވަން ޚިޔާލުގެ ޕާޓީއެކެވެ. އެ ޕާޓީން މާރކެލްގެ ކޯލިޝަނުގައި ބައިވެރި ވާން އެއްބަސް ވެފައި ވަނީ 150 ސަފުހާގެ ދިގު އެއްބަސްވުމެއްގެ ދަށުން، ސަރުކާރުގެ ސިޔާސަތުތަކުގައި އެ ޕާޓީގެ ފަލްސަފާ ވަރަށް ބޮޑަށް ހިމަނާން އެއްބަސް ވެގެންނެވެ. އެގޮތުން އަލަށް ތައާރަފު ކުރެވޭ އެއް ކަމަކަށް ވާނީ ޖަރުމަނުގައި އެންމެ ކުޑަ މުސާރަ 8.50 ޔޫރޯއަށް (11.55 އެމެރިކާ ޑޮލަރު) ބޮޑު ކުރުމެވެ. މި ބަދަލު ތަންފީޒު ކުރެވޭނީ 2015 ވަނަ އަހަރުއެވެ.
މާރކެލްގެ އައު ސަރުކާރުގައި މާލީ ވަޒީރުކަމުގެ މަގާމު ފުރުއްވާނީ، ކުރީންވެސް އެ މަގާމުގައި ހުންނެވި ވުލްފްގޭންގް ޝޮއުބްލެވެ. ޔޫރޯގެ އަގު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ޓަކައި އޭނާ ގެންގުޅުއްވައިފައި ވާ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައި ވެއެވެ.
ދިފާއީ ވަޒީރުކަމުގެ މަގާމަށް އުރްސުލާ ވޮން ޑަރ ލެޔޭން އައްޔަން ކުރައްވާން މާރކެލް ނިންމަވައިފައި ވާ އިރު، ދާޚިލީ ވަޒީރުކަމުގެ މަގާމަށް ހަމަޖައްސަވާނީ ތޯމަސް ޑި މެއިޒިއަރ އެވެ. އަދި އިގްތިސާދާ ބެހޭ ވަޒީރުކަމުގެ މަގާމަށް ހަމަޖައްސަވާނީ ސިގްމާރ ގެބްރިއެލެވެ. ޗާންސެލަރުގެ ނައިބުކަމުގެ މަގާމު ވެސް ހަވާލު ކުރައްވާނެ ކަމަށް ބެލެވެނީ ގެބްރިއެލާއެވެ. މީގެ އިތުރުން، ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރައްވާނީ ފްރޭންކް ވޯލްޓަރ ސްޓެއިންމަޔަރއެވެ.
ޖަރުމަންވިލާތަކީ ޔޫރަޕުގެ އިއްތިހާދުގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އިއްތިހާދުގެ އެންމެ ބޮޑު އިގްތިސާދަކީ ވެސް ޖަރުމަނީ ކަމަށް ވާ އިރު، އިއްތިހާދުގައި އެންމެ ސިނާއަތްތެރި ގައުމަކީ ވެސް ޖަރުމަންވިލާތެވެ.