18 Dec 2013, 09:16
ރާއްޖޭގެ ފަތުރުވެރިންގެ ސިނާއަތަށް ލިބެމުންދާ ޑިމާޑް އިތުރުވެފައިވާއިރު އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު އެނދުތަކެއް ތަރައްގީ ކުރުމަކީ މިހާރު މަޖުބޫރުވެފައިވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މުހިއްމު ކަމެއް ދޭންޖެހޭ އެއް ކަމަކީ މިހާރު ރާއްޖޭގައި ހުރި އެނދުގެ ނިސްބަތް އިތުރުކޮށް ތަރައްގީ ކުރުން ކަމަށެވެ. އަދި އެކަން ނުވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރި ކަމަށް ލިބެމުންދާ މާކެޓް ގެއްލިގެން ގޮސްދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.
"އިތުރު އެނދުތަކެއް ތަރައްގީ ކުރުމަކީ މަޖުބޫރު ކަމެއް. އަޅުނގަޑުމެންގެ ޑިމާޑް މިހާރު މިއޮތީ ހައިވެފައި. އަޅުނގަޑުމެންގެ ސަޕްލައި ދަށަށް މިދަނީ. އެހެންވީމާ އަޅުނގަޑުމެންގެ އަމާޒުފަތްގަނޑަށް ދަތުރުކުރާކަމަށްވާނަމަ އެބަޖެހޭ ބެޑްތަކެއް ވަރަށް އަވަހަށް ގެންނަން. އެހެން ނޫންނަމަ މާކެޓް ލޫސްވާން ފައްޓަފާނެ،" ދިޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ މާސްޓާ ޕްލޭނުގައިވާ ގޮތުން ރަށްތައް ތަރައްގީކޮށްގެން އިތުރު ޑޮމެސްޓިކް އެއާޕޯޓުތަކެއް ތަރައްގީ ކޮށްގެން އަދި ތިން ނާރެހަކަށް ބަހާލައިގެން ތަރައްގީ ހާސިލުވެވެން އޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އޮތީ މާކެޓިން ރޮނގުން ވަރަށް ކުރީގައި ކަމަށާއި އެގޮތުން ދުނިޔޭގެ ބޮޑެތި މަޝްހޫރު ކުންފުނިތަކުން ރާއްޖޭގައި މަތީ ފެންވަރުގެ ހޮޓަލްތައް ހުޅުވައި ރާއްޖޭގެ ފަތުރުވެރިކަމުގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު ތަރިންގެ މަންޒިލަކަށް ރާއްޖެ ވުމަކީ ރާއްޖެ އިތުރަށް ބޮޑަށް އިސްތިހާރު ވެގެންދާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރު ކުރަންޖެހޭ ކަމަށް ފާހަގަކުރައްވައި އަދީބު ވިދާޅުވީ އެކަމަށްޓަކައި ރަނގަޅު ބަޖެޓެއް ބޭނުންވާ ކަމަށެވެ. އަދި މިހާރު އުމްމީދުކުރައްވާ ބަޖެޓަކީ އެކަމަށް އެދެވޭ ބަޖެޓެ ނޫން ކަމަށާއި މާކެޓިންނަށް ކުރާ އިންވެސްޓާއި އެކީގައި ރާއްޖޭގެ ފަތުރުވެރިކަން ހިފެހެއްޓިގެންދާނެ ކަމަށް އުމްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުނގަޑުމެން މިބަލަނީ 70 މިލިއަންނާއި 100 މިލިއަނާއި ދޭތެރޭގެ ރަނގަޅު ބަޖެޓެއް ލިބޭތޯ. ނަމަވެސް މުޅި އިންޑަސްޓަރީއަށް ބަލައިފިއްޔާ ނުވަތަ ގްލޯބަލީ ޕޮސިޝަނަށް ބަލައިފިއްޔާ އެވަރު ވެސް އަސްލު މަދު. ނަމަވެސް އަޅުނގަޑުމެން އަންޑަސްސްޓޭޑް ވާންޖެހޭ ބަޖެޓުގައި ހުރި ދަތިކަން. އެގޮތުން މާކެޓިންނަށް ކުރާ އިންވެސްޓާއި އެކީގައި މިވަރުގެ ބަޖެޓަކުން ރާއްޖޭގެ އިމްޕެކްޓް ހައިވާނެ ގޮތަށް މި ބޭނުންކޮށް، ބްރޭޑް ޕޮސިޝަން ކުރެވިގެންދާނެ،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން އަމާޒު ހިފި އެއްމިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ފެއްޓި އަމާޒު ކާމިޔާބު ވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަން ހާސިލްވެފައި ވަނީ އޭރުގެ ރައީސް އާއި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިހާބަށްފަހު ގައުމަށް އައިސްފައިވާ ސުލްހަމަސަލަސް ކަމުގެ ސަބަބުން ވެސް ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި ސިޔާސީ ގޮތުން ތަސައްރަފު ފުދި އެއް އަމާޒަކަށް ރާއްޖެ ގެންދަން މަސައްކަތް ކުރާނަމަ ރާއްޖެއަކީ އަވަހަށް ތަރައްގީ ވެގެންދާނެ ގައުމެއް ކަމަށް އަދީބު ވިދާޅުވި އެވެ.