ފާހާނާ ސާމާނު އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ ތައިލެންޑުގެ "ކޮޓޯ" ބްރޭންޑުގެ "ސެނިޓަރީވެއާ"، "ސެނިޓަރީ ފިޓިންގްސް އެންޑް ސާވިސް" އަށް ހާއްސަކޮށްގެ ރެއިންބޯ އެންޓަޕްރައިސަސް އިން "ކޮޓޯ ޝޯރޫމް"ގެ ނަމުގައި މުޅިން އާ ޝޯރޫމެއް ހުޅުވައިފި އެވެ.

އަލިކިލެގެފާނު މަގުގައި ހުންނަ ރެއިންބޯ ބިލްޑްވެއާގައި އަލަށް ހުޅުވި ކޮޓޯ ޝޯރޫމް ހުޅުއްވައިދެއްވީ ކޮޓޯގެ މެނޭޖިން ޑައިރެކްޓަރު މރ. ތަނަސަކް އެވެ. އަދި އެ ހަފްލާގައި ރެއިންބޯގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަފީގުއާއި އެތަނު އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ބައިވެރިވި އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮޓޯގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވީ ވޭތުވެދިޔަ 16 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮޓޯގެ އުފެއްދުންތަށް ރާއްޖޭގައި މާކެޓްކޮށް ވިއްކުމަށް ރެއިންބޯއިން ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް ފާހަގަކުރަށްވާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް ކޮޓޯގެ އާ ޕްރޮޑަކްޓްސް ރޭންޖުތަކާއި ޑިޒައިންތައް ރާއްޖޭގައި އިތުބާރާއެކު މާކެޓްކޮށް ވިއްކުމަށް ރެއިންބޯއިން ކާމިޔާބުކަމާއެކު މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރެއިންބޯގެ މެނޭޖިން ޑައިރެކްޓަރު ރަފީގު ވިދާޅުވީ، އެކުންފުނިން ރާއްޖޭގައި ކޮޓޯގެ އެންމެ ފަހުގެ އުފެއްދުންތައް ވިއްކަމުން ގެންދާއިރު އަލަށް ހުޅުވި ޝޯރޫމާއެކު ހަމައެކަނި ފާހާނާއަށް ބޭނުންވާ އުފެއްދުންތައް ވިއްކުމުގެ އިތުރުން "އާފްޓާ ސޭލްސް ސާވިސް"އާއި އެކު "ޓޯޓަލް ސޮލިއުޝަން"އެއް ހޯދައި ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ކޮޓޯ ބްރޭންޑުގެ ތަށިމުއްޓާއި ފާހާނާގެ ސާމާނު އެ ކުންފުނިން ތައިލެންޑުގެ އިތުރުން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމު ތަކުގައި ވިއްކަމުން ގެންދާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އެ ބްރޭންޑުގެ އުފެއްދުންތައް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދައިފަ އެވެ.

ރެއިންބޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ހުސެއިން ޒިޔާދު މިރޭ ވިދާޅުވީ، އަލަށް ހުޅުވުނު ކޮޓޯ ޝޯރޫމްގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.

"މި ޝޯރޫމް ހުޅުވުމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، އަޅުގަނޑުމެންގެ އާ ޕްރޮޑަކްޓްތައް، ކޮޓޯ ބްރޭންޑުގެ އަލަށް ތައާރަފްކުރެވޭ ޕްރޮޑަކްޓްތައް، އެކި ސީރީޒްތަކުގެ ފާހާނާ ތައްޓާއި އެއާގުޅޭ ސާމާނުތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ،" ޒިޔާދު ވިދާޅުވި އެވެ. "މި ޝޯރޫމް ހުޅުވުމާ ގުޅިގެން ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އާފްޓަ ސޭލްސް ސާވިސް."

ޒިޔާދު ވިދާޅުވީ ކޮޓޯ ޝޯރޫމުން ގަންނަ ކޮންމެ ޕްރޮޑަކްޓެއްގެ ސްޕެއާ ޕާޓްސްއާއި އަދި އާފްޓަ ސޭލްސް ސާވިސް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

ރެއިންބޯއިން ކޮޓޯ ޝޯރޫމެއް ހުޅުވާފައިވާއިރު އެކުންފުނިން ގެންދަނީ މިހާރު ވެސް "އިޔާ އެންޑް ސޭލްސް 2013"ގެ ނަމުގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލެއް ވެސް ފަށައިފަ އެވެ.

ޒިޔާދު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ހާއްސަ އަހަރީ ސޭލް ވެސް އަންނަ ޖެނުއަރީ މަހުގެ މެދެއްހާ ތަނަށް ކުރިއަށް ގެންދާނެ ކަމަށެވެ.