18 Dec 2013, 00:20
ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް މަގާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހުށަހެޅުއްވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޫސާ އަންވަރު ވިދާޅުވީ އަމީން މިނިސްޓަރުކަމުން ވަކިކުރެއްވުމަށް ރައީސް ޔާމީނަށް ދެންނެވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށްވާތީ އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މާދަމާ ޕާޓީގެ ކައުންސިލަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން މިނިސްޓަރުކަމުން ވަކިކުރެއްވުމަށް އޭނާ ބޭނުން ވަނީ މިނިސްޓަރުކަމުގައި ހުންނަވައިގެން ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލަ ފައިދާ އަށް މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"ޕާޓީގެ މަސްލަހަތަށް ވުރެ އަމިއްލަ އިސްކުރާކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ މިގޮތަށް މި ނިންމީ،" މޫސާ ވިދާޅުވި އެވެ.
އަމީނަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.