17 Dec 2013, 20:17
ރާއްޖޭގައި އުފައްދާ ތަކެއްޗާއި ދެވޭ ހިދުމަތުގެ ތެރެއިން ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހު ދަށަށް ގޮސްފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓުން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންއިން ފުރަތަމަ ފަހަރަށް ހާމަކުރި ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އުފައްދާ ތަކެއްޗާއި ދެވޭ ހިދުމަތުގެ އިންޑެކްސް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 91.38 އިންސައްތައިގަ އެވެ. މިއަހަރުގެ އޯގަސްޓް މަހާއި އަޅާބަލާއިރު ސެޕްޓެމްބަރުގައި ޕީޕީއައި ވަނީ 2.50 އިންސައްތަ އިން ދަށަށް ގޮސްފަ އެވެ.
ނޭޝަނަލް ޕްލޭނިން ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު މަހު ފީޕީއައިގައި ހިމެނޭ ދާއިރާ ތަކަށް މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާގެ އަގުތަށް 4.02 އިންސަތަ އަދި އަދި ޓޫރިސްޓު ހޮޓާ ތަކާއި ރެސްޓޯރަންޓް ހިމެނޭބައިގެ އަގުތަށް 3.56 އިންސަތަ ދަށަށް ގޮސްފައިވާ ކަމަށެވެ.
ޕްލޭނިންގް ޑިޕާޓުމަންޓުން ބުނީ ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާގައިއުފައްދާ ތަކެއްޗާއި ދެވޭ ހިދުމަތުގެ އަގުތަކަށް އައިބަދަލު އެންމެ މައްޗަށް ގޮސްފައިވަނީ މިއަހަރުގެ ޖުލައި މަހުގައި ކަމަށެވެ. އެގޮތުން މި މުއްދަތުގައި 8.24 އިންސައްތައަށް އިންޑެކްސް މައްޗަށް ދިޔައީ ވައިގެމަގުން ކުރާ ދަތުރުފަތުރުގެ ބައިންނާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާގެ އެވްރެޖް އަގުތައް މައްޗަށް ދިއުމުން ކަމަށެވެ.
އެ ޑިޕާޓުމަންޓުން ހާމަކުރިގޮތުގައި މުޅި ޕީޕީއައިގެ 56 އިންސައްތަ ހިއްސާކުރާ ޓޫސްޓް ހޮޓާ އަދި ރެސްޓޯރަންޓް ހިމެނޭ ދާއިރާގެ ޕީޕީއައި ވެސް އެންމެ ދަށަށް ގޮސްފައިވަނީ ގޮސްފައިވަނީ މިއަހަރުގެ ޖުލައި މަހުގައި ކަމަށެވެ. އެއީ 84 އިންސައްތަ އެވެ. ޖުލައި މަހު ފަތުރުވެރިން ރާއްޖެއައި މިންވަރު އަދި ބެޑްނައިޓްސް މައްޗަށް ދިޔަނަމަވެސް މިއީ "ލޯ ސީޒަން" އަށް ވާތީ ރިސޯޓްތަކުން އަގުތަށް ދަށްކޮށްފައިވާކަމަށްވެ އެވެ. އެޑިޕާޓުމަންޓުން ބުނީ ޓޫރިސްޓް ހޮޓާ ތަކާއި ރެސްޓޯރަންޓް ހިމެނޭބައިގެ އަގުތައް އެންމެ ދަށަށް ގޮސްފައިވަނީ މިއަހަރުގެ މެއި މަހު 14.45 އިންސައްތަ އަށް ކަމަށެވެ.
ޕީޕީއައިގައި ހިމެނޭ ދާއިރާތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު މައިގަނޑު ގޮތެއްގައި އަގު އެންމެ މައްޗަށް ގޮސްފައިވާނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން 2012 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިއަހަރުގެ ސެޕްޓްމްބަރު މަހުގެ ނިޔަލަށް އެދާއިރާގެ އަގުތަށް މަޗަށް ގޮސްފައިވާއިރު ސެޕްޓެމްބަރު މަހުގައި އެދާއިރާގެ އަގުތައް 9.37 އިންސައްތައަށް ވަނީ އުފުލިފަ އެވެ.
ފިނޭންސް މިނިސްޓަރުގެ ނައިބު އަބްދުލް ހަލީމް އަބްދުލް ގަފޫރު މިއަދު "ސަން"އަށް ވިދާޅުވީ އިގްތިސާދީ ދާއިރާގައި ހިމެނޭ އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕީޕީއައިގެ ބޭނުން ވަރަށް ރަނގަޅަށް ހިފިދާނެ ކަމަށެވެ.
"މި މައުލޫމާތުތައް އާންމުކުރުމުން ރާއްޖޭގެ އިންފްލޭޝަންއަށް ކުރު މުއްދަތެއްގެ ތެރޭގައި އަންނަ ބަދަލުތައް ފަސޭހައިން ދެނެގަނެވޭނެ،" ހަލީމް ވިދާޅުވި އެވެ. "ތަރައްގީ ވަމުން އަންނަ ސިނާއަތްތަކުގެ އަގުތަށް އެފަރާތްތަކުން ބައްޓަން ކުރަމުން އަންނަ ގޮތް ދެނެގަނެވި، އެ ދާއިރާތައް އިތުރަށް ތަރަށްގީކުރުމަށް އިސްކަންދޭންވީ ސިޔާސަތުތައް ކަނޑައަޅަން ވެސް ފަސޭހަ ވާނެ."
ހަލީމް ވިދާޅުވީ ޕީޕީއައި އާންމުކުރަން ފެށުމުން ވިޔަފާރިވެރިންނަށް ވެސް އެކިއެކި ސިނާއަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެވި، އަޅާކިޔާލަން ލިބުމުން އެ ފަރާތްތަކުގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަންވީ ދާއިރާތަށް ދެނެގަންނަން ފަސޭހަވުމުގެ އިތުރުން އަގުތައް ކަނޑައެޅުމަށް ވެސް ފަސޭހަވެގެންދާނޭ ކަމަށެވެ.
ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް އަކީ ތަކެތި އުފައްދައި ހިދުމަތް ފޯރުކޮށްދެމުން ގެންދާ ތަންތަނުން އުފައްދަމުންދާ ތަކެއްޗާއި ދެވޭ ހިދުމަތުގެއަގަށް އަންނަ ބަދަލު ދެނެގަތުމަށްޓަކައި އެކުލަވައިލާ މިންގަނޑެކެވެ. ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) އެކުލަވާލުމުގައި ޑިފްލޭޓާ އެއްގެ ގޮތުގައި ވެސް ބޭނުންކުރާ މި މިންގަނޑަކީ ބޭރު ދުނިޔޭގައި ދިގު މުއްދަތަކަށް ކުރެވޭ އެގްރިމަންޓްތަކުގައި އަގުތަކަށް އަންނަ ބަދަލުހިމެނުމަށްޓަކައި ވެސް ބޭނުންކުރާ މިންގަނޑެކެވެ.
ކޮންމެ ތިންމަހުން އެއްމަހު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގް އިން އެކުލަވައިލަމުން ގެންދާ ޕީޕީއައި އެންމެ ފުރަތަމަ އެކަލަވައިލަން ފެށީ 2001 ވަނަ އަހަރު އެވެ. ކުރިން މި މައުލޫމާތުތައް އާންމުކޮށްފައި ނުވާއިރު އިއްޔެ އެ މައުލޫމާތުތައް ޝާއިއުކުރުމަށް ފަހު ޕްލޭނިން ޑިޕާޓްމަންޓުން ބުނީ އަލުން ޕީޕީއައި އެކުލަވާލެވިފައި މި ވަނީ އަގުތަކަށް އައިސްފައިވާ ބަދަލާ ގުޅިގެން ޕީޕީއައި އިންޑެކްސް 2007 ވަނަ އަހަރަށް ރިބޭސް ކޮށް އިތުރަށް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.