17 Dec 2013, 18:48
ޅ. ނައިފަރުގައި ފަޔާސްޓޭޝަނެއް ގާއިމްކޮށް، އަލިފާން ނިއްވުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ނައިފަރުގައި ފަޔާސްޓޭޝަނެއް ގާއިމް ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި އެމްއެންޑީއެފް އިން ހާސިލް ކުރާނެކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިއުލާންކުރައްވާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސިފައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވެމުންދާ ސިޔާސަތުގެ ދަށުން ކަމަށެވެ.
ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަޔާސްޓޭޝަން ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު ނާޒިމެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަފުޅުގައި މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ޚިދުމަތެއްކަން ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ. ކައްދޫގައިވެސް ވަރަށް އަވަހަށް އަލިފާން ނިއްވުމުގެ ޚިދުމަތް ދެއްވަން ފައްޓަވާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ އެކްޓިންގ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ އާއި ޅ. އަތޮޅު ކައުންސިލްގެ ރައީސް ރިޝްވާން އަލީ އާއި އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލްގެ މެންބަރުންގެ އިތުރުން ނައިފަރުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ނައިފަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.