17 Dec 2013, 18:13
އިންޑިއާގެ އިސް ޑިޕްލޮމޭޓަކު އެމެރިކާގައި ހައްޔަރުކޮށް، އޭނާ އޮރިޔާންކޮށްގެން ބަލާ ފާސްކުރި (ސްޓްރިޕް ސާޗު ކުރި) މައްސަލައެއް ހޫނުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ނިއުޔޯކްގައި ހުންނެވި އިންޑިއާގެ ޑެޕިއުޓީ ކޮންސަލް ޖެނެރަލް ދޭވްޔާނީ ޚޮބްރަގޭޑް އެމެރިކާ ފުލުހުން ހައްޔަރުކޮށް، އޭނާ އޮރިޔާންކޮށްގެން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބުނީ އޭނާ މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު އާއްމުންގެ ތެރޭގައި ބިޑިއަޅުވައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ތިބި ގޮޅިއެއްގައި ބަންދުކޮށްފައިވާ ކަމަށެވެ.
އުމުރުން 38 އަހަރުގެ ޚޮބްރަގޭޑްއާ ދެކޮޅަށް އެމެރިކާ ސަރުކާރުން ވަނީ ދައުވާތަކެއް ވެސް އުފުލާފަ އެވެ. އޭނާއާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ހުށަހެޅުމަށް ދޮގު ލިޔެކިއުންތަކެއް އުފެއްދުމާއި ދޮގު ބަޔާނެއް ދޭން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ.
އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ދޭވްޔާނީ ދޮގު ލިއުންތައް ތައްޔާރުކުރީ އޭނާގެ ގޭގައި ދަރިފުޅު ބަލަހައްޓާ މީހެއްގެ ގޮތުގައި އެމެރިކާއަށް ގެންދިޔަ އަންހެނެއް ކަމަށްވާ ސަންގީތާ ރިޗަޑްސްގެ ވިސާ އާ ކުރުމަށެވެ.
ސަންގީތާއަށް ވިސާ ހޯދުމަށް ހަދާފައިވާ އެގްރިމެންޓްގައިވާ ގޮތަށް މަހަކު 4500 ޑޮލަރު ދިނުމުގެ ބަދަލުގައި މަހަކަށް 537 ޑޮލަރު ދިން ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ. އެ މުސާރައަކީ ގަޑިއިރަކަށް ތިން ޑޮލަރު ކަމަށް ވާއިރު އެމެރިކާގެ ގާނޫނުގައި އެންމެ ކުޑަކޮށް މީހަކަށް ދެވޭނެ މުސާރައަކީ ގަޑިއިރަކަށް 9.75 ޑޮލަރެވެ. ސަންގީތާ ލައްވައި ހަފުތާއަކު 40 އަށް ގަޑިއިރަށް ވުރެ އިތުރަށް، މަޖުބޫރުން މަސައްކަތް ކުރުވި ކަމުގެ ދައުވާ ވެސް ދޭވްޔާނީގެ މައްޗަށް ވަނީ އުފުލާފަ އެވެ.
އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ އޭނާއަށް 15 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.
ދޭވްޔާނީ ހައްޔަރުކުރި މައްސަލައިގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ޚޫރުޝީދު މިއަދު ވިދާޅުވެފައި ވަނީ އެމެރިކާގެ އެ އަމަލަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށާއި ޑިޕްލޮމޭޓް ހިމާޔަތް ކުރުމަށް ކުރަން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އިންޑިއާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ދޭވްޔާނީ ހައްޔަރުކުރި މައްސަލައިގައި އެމެރިކާއިން ރަސްމީކޮށް މައާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ.