17 Dec 2013, 17:50
ރައްޔިތުންނަށް ދެންޖެހޭ އަސާސީ ހިދުމަތްތައް ހިމެނޭ މަޝްރޫއުތައް ފިޔަވައި އެހެނިހެން ހުރިހާ މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް މާލެ ސިޓީ ކައުންސިލަށް އެންގުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލަށް އެގޮތަށް އެންގުމަށް ނިންމީ، މާލެ ސިޓީ ކައުންސިލުން ބިން ކުއްޔަށްދިނުމާއި ކޮންޓްރެކްޓާ އުސޫލުން ބިން ތަރައްޤީކުރުން ފަދަ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އެ މަޝްރޫޢުތައް ހިންގުމުގައި ވަކި ފަރާތެއްގެ މަސްލަހަތު ހިމެނޭ ގޮތަށް ޢަމަލުކުރަމުންދާކަމުގެ މަޢުލޫމާތު މާލިއްޔަތު ލިބިފައިވާތީ ކަމަށް މަޖިލީހުން ބުންޏެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ ގޮތަށް، މާލިއްޔަތު ކޮމެޓީން ނިންމީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ނަމަވެސް މެމްބަރުން ވޯޓު ދެއްވި ގޮތުގައ ތަފްސީލެއް މަޖިލީހަކުން ހާމައެއް ނުކުރެ އެވެ.
މަޖިލީހުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުގައްރިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދާއި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.