ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓަށް އާ ސަރުކާރުން ގެނައި ބަދަލާއެކު 17.5 ބިލިއަން ރުފިޔާއަށް ބޮޑުވި ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމެޓީން ގެނައި ބަދަލުތަކާއެކު 18 ބިނިއަނެއްހާ ރުފިޔާއަށް ބޮޑުވެއްޖެ އެވެ.

ސިއްރުކޮށް ކުރިއަށް ގެންދާ ބަޖެޓް ކޮމިޓީގެ ނުރަސްމީ މަޝްވަރާތަކުގައި ބަޖެޓަށް ގެންނަން އެއްބަސްވި އިސްލާހުތަކާއެކު 17.9 ބިލިއަން ރުފިޔާއަށް ބޮޑުވެފައިވާކަން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓް ބޮޑުވީ މިނިވަން މުއައްސަސާތަކަށް އިތުރު 400 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓް ކޮމެޓީން އިއްޔެ ފާސް ކުރުމާ ގުޅިގެންނެވެ. އަންނަ އަހަރަށް ލަފާކޮށް މިނިވަން މުއައްސަސާތަކުން ފިނޭންސަށް ހުށަހެޅި ބަޖެޓް، ސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން މިނިވަން މުއައްސަސާތަކުން ވަނީ ބަޖެޓް ބޮޑުކޮށްދިނުމަށް ބަޖެޓް ކޮމެޓީގައި އެދިފަ އެވެ. މިނިވަން މުއައްސަސާތަކުން އެދިފައިވަނީ ޖުމުލަ 502 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށެވެ.

ނަމަވެސް ވަކި ވަކި މުއައްސަސާތަކަށް އިތުރަށް ޖެހޭ އަދަދުތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ބަޖެޓް ކޮމެޓީގައި ހިމެނޭ ސަރުކާރު ތަމްސީލް ކުރާ މެމްބަރުން ބުނެފައި ވަނީ މިނިވަން މުއައްސަސާތަކަށް ބަޖެޓް ބޮޑުކޮށްދޭނަމަ އާމްމުދަނީ ލިބޭނެ އިތުރުގޮތް ގޮތް މަޖިލީހުން ފާސްކޮށްދިނުމަށެވެ.

ބަޖެޓް ކޮމިޓީގެ ނައިބް މުގައްރިރު އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ސަން އަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބަޖެޓް އިތުރުކޮށް ދިނުމަށް އިއްޔެ ފާސްކޮށްފައިވީ ނަމަވެސް އެ ކޮމެޓީގެ މައުލޫމާތްތައް މީޑިއާ ތަކާއި ހިއްސާ ކުރާނީ ފަހުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މަޖިލީހުގެ ބަޖެޓަށް ގެނައިސްލާހުތަކާއެކު ބަޖެޓް ވަނީ 17.5 ބިލިއަނަށް ބޮޑުވެފަ އެވެ.

ބަޖެޓް ކޮމެޓީއަށް މީޑިއާތައް ނުވައްދައި، އިއްޔެއިން ފެށިގެން ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.