އަންނަ އަހަރު ދައުލަތައް ލިބޭ ފައިސާ އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުން 3.4 ބިލިއަން ރުފިޔާ ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވާ މިއަދު ނެރެފައިވާ "2014 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ ފަންނީ ރައުޔު" ރިޕޯޓްގައި ބުނެފައި ވަނީ އަންނަ އަހަރަށް އާމްމްދަނީ ހޯދުމަށް ހިމަނާފައިވާ ގިނަ ކަންތައްތަކަކީ ގާނޫނުތައް އިސްލާހުކޮށްގެން ނޫނީ ލިބޭނެ އާމްދަނީއެއް ނޫން ކަމަށެވެ. އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ކަންކަން އޭގެ ތެރޭގައި ހިމެނޭތީ އެ ގާނޫނުތައް އިސްލާހުކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

"މިހާރު ރާއްވާފައިވާ ގޮތަށް، 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން، ގާނޫނުތައް އިސްލާހު ނުކުރެވިއްޖެނަމަ، ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއްކޮށް، ބަޖެޓް ޑެފިސިޓް މިހާރު އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނެ،" އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އަންނަ އަހަރަށް އާމްމުދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަމުގެ ތެރޭގައި ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑުކުރުމުން 520 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން 555 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ އާޕޯޓުން ދޭ ހިދުމަތުން 76 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އޮޑިޓާ ޖެނެރަލްގެ އެ ރިޕޯޓްގައި ބުނެފައިވަ ނީ އާންމުދަނީ އިތުރުކުރުމުގެ ގޮތުން ރިސޯޓް ތަރައްގީކުރަން ގިނަ ރަށްތަކެއް ދޫކުރަން ނިންމާފައިވާއިރު، މިހާރު ދޫކޮށްފައިވާ ގިނަ ރައްތައް ވެސް ނިމިފައިނުވާ ކަމަށެވެ. އަދި އެ ރަށްތަކުގެ ކުލި އެޑްވާންސްކޮށް ނެގުމަށް އެ ސިނާއަތުގެ ފަރާތްތަކާއި މަޝްވަރާނުކޮށް ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެގޮތަށް ރިސޯޓްތަކުގެ ކުލި އެޑްވާންސްކޮށް ނެގުމުން ކުރިއަށް އޮތް އަހަރު ތަކުގައި ދައުލަތުގެ ކޭޝްފުލޯއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ވެސް އޮޑިޓާޖެނެރަލްގެ ރިޕޯޓުގައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ހަރަދާއި ގުޅޭ ގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ގާނޫނުތައް ތަންފީޒު ކުރާނެ ފައިނޭންސް ބިލްތައް ފާސްކުރުމާއި ބަޖެޓުގައި ކޮންޓިންޖެންސީ ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދުތުތަކުގެ ތަފްސީލް ހިމެނޭގޮތަށް ބަޖެޓް ތައްޔާރުކުރުމަށް އަންގާފައިވެ އެވެ. އަދި ރިކަރަންޓް ހަރަދުތައް "ވަޔަމަންޓް ރޫލްސް"ގެ ތެރެއިން ކޮންޓްރޯލް ކުރުމަށާއި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ މަގްސަދާއި ހުށައަޅާފައިވާ މަޝްރުއޫތަކާއި ގުޅުމެއް ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.