17 Dec 2013, 16:08
ހިލޭ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑު ކުރަން ފެންނަ ކަމަށް އޭނާގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ކޮމެޓީން ފާސްކޮށްފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ހަމީދު ސަސްޕެންޑު ކުރަން ފެންނަ ކަމަށް މިދިޔަ ހަފްތާގައި ފާސްކޮށްފައި ވަނީ އެ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމެޓީން އެގޮތަށް ފާސްކޮށްފައި ވަނީ ތަހުގީގު ކޮމެޓީއަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް އަލީ ހަމީދަށް އެންގުމުން އެ ކޮމެޓީގެ އެންގުމަށް އޭނާ ތަބާވެފައިނުވާކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
ހިލޭ އަންހެނުންނާ އެކު އަލީ ހަމީދު ޖިންސީގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް މީގެކުރިން ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގުޅުން ހިންގުމާއި ބަދުއަޚުލާގީ އަމަލު ހިންގުން ފިޔަވައި އެހެނިހެން މައްސަލަތަކުގެ ތުހުމަތުގައި ބައެއް ފަނޑިޔާރުން މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކޮށްފައިވާއިރު، ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އަލީ ހަމީދު ސަސްޕެންޑުނުކޮށް ގިނަ ދުވަސްތަކެއްވާތީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.