ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންޑިއާއަށް ކުރެއްވުމަށް ހަމަޖައްސާފައިވާ ދަތުރުފުޅު ފަސްކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހުގެ ދައުވަތަކަށް ރައީސް ޔާމިން އަންނަ ހަފުތާގައި އިންޑިއާއަށް ކުރެއްވުމަށް ރޭވިފައިވާ ދަތުރު ފަސްކުރައްވާފައިވާ ނަމަވެސް، ފަސްކުރެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ރައީސް އޮފީހަކުން ނުބުންޏެވެ. ރައީސް އޮފީހުގެ ސްޕޯކްޕާސަން އިބްރާޙިމް މުއާޒު އަލީ ވިދާޅުވީ ރައީސްގެ ދަތުރުފުޅު ފަސް ކުރުމަށްފަހު، އެމަނިކުފާނު ދެން އިންޑީއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި ދަންނަވަން ދަތި ކަމަށެވެ. އޭނާ ވިދާޅުވީ އެދަތުރު އަލުން ތާވަލުކުރެވޭނެ ކަމަށެވެ.

"ރައީސްގެ އިންޑިއާ ދަތުރުފުޅު މިވަނީ ލަސްކުރެވިފައި. ދެން އަދި ވަކި ތާރީހެއް ނޭނގޭ،" މުއާޒް ވިދާޅުވި އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ފަސްކުރެއްވީ މިމަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ އިންޑިއާގައި ނުހުންނަވާނެތީ އެވެ. އަދި މިކަން މިގޮތަށް ހަމަޖެއްސީ ރައީސް ޔާމީނަށް އިންޑިއާގެ ރަސްމީ އިއްޒަތް އެރުވޭނީ ރައީސް މުކަރުޖީ އިންޑިއާގައި ހުންނަވަނިކޮށް ރައީސް ޔާމީން އިންޑިއާއަށް ވަޑައިގަތުމުން ކަމަށެވެ.

އިންޑީއާ ދަތުރުފުޅު ފަސްކުރައްވާފައިވާއިރު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަތުމުގެ ދައުވަތު އަރުވާފަ އެވެ.