ރާއްޖޭގައި ހުންނަވާ ވަގުތެއްގައި، ސަރުކާރުން އެދޭ ކޮންމެ މަސައްކަތެއް އިހްލާސްތެރިކަމާއެކު ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހްމަދާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަހީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޤައުމުގެ އެންމެ އިސް މަޞްލަޙަތުތައް ޙިމާޔަތް ކުރައްވައި، ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބޭއްވެވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، ރައީސް ވަޙީދު ދެމިހުންނަވައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި މި ސަރުކާރުން ރައީސް ވަޙީދަށް ފުރިހަމަ އިޙްތިރާމް އަރުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވި އެވެ.