17 Dec 2013, 14:19
މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ގެއިން ދޮޅު ލައްކައެއްހާ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ކޯޓުގެ އަމުރެއްގެ ދަށުން މއ. ފިނިފެންޖަންބުގެ ބަލާފާސްކޮށް، އެމައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ މީހަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެގޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 243 ގުރާމް ހުރި ކަމަށެވެ.
ހައްޔަރުކުރި މީހާ ދިރިއުޅުނު އެޕާޓްމަންޓްގެ ތެރެއިން ގިނައަދަދެއްގެ ދިވެހި ރުފިޔާ އާއި ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭ 1،42100ރ. އާއި 630 އިންޑިއަން ރުޕީސް އާއި 2020 ލަންކާ ރުޕީސް އާއި ހަތް މެލޭޝިޔާ ރިންގިޓް އާއި ތައިލެންޑްގެ 60 ބާތުގެ އިތުރުން ހަތަރު ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ މީހާ ހައްޔަރުކުރީ ޗާންދަނީމަގު ލައިޓް ސަރަހައްދުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށެވެ. އަދި އޭނާ ހައްޔަރުކުރަން މަސައްކަތްކުރި ވަގުތު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ ހިންގާފައިވާ ފައިސާ މުޢާމަލާތްތަކާއި ގުޅޭ ގިނަ އަދަދެއްގެ ލިޔެކިއުންތަކެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.