ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭ ގޮތަށް ވިލިމާލޭ ސޭފްބީޗް ޕްރޮޖެކްޓްގެ މަސައްކަތް ބަޔަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދާއި ކައުންސިލް މެމްބަރު އިބުރާހިމް ސުޖާއު އާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ވިލިމާލެ ސޭފްޓީ ބީޗްޕްރޮޖެކްޓް ވަކިފަރާތަކާ ހަވާލުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އަދި 14،000 އަކަފޫޓުގެ ހުސް ބިމެއް ވެސް އެ ޕްރޮޖެކްޓްގެ ތެރެއިން އެ ފަރާތްތަކަށް ދީފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދާއި ކައުންސިލް މެމްބަރު އިބުރާހިމް ސުޖާއުގެ އިތުރުން ސިޓީ ކައުންސިލްގެ އޭރުގެ އެސިސްޓަންޓް ޑިރެކްޓަރު އަހުމަދު މިޒުހަތު ނައީމާއި ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު އައިޝަތު ޖުމާނާ މުހައްމަދު ރަޝީދާއި އަދި އެސިސްޓަންޓް ޑިރެކްޓަރު އަބުދުﷲ ރަމީޒުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭ ވިލިނގިލި ބީޗު ސަރަހައްދާއި ފަޅުތެރެއާއި ޖެޓީ ސަރަހައްދާއި ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކުރި ދެ ވަނަ އިއުލާނާ ގުޅިގެން ދީފައިވާ މައުލޫމާތުގައި އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން އެކަށިގެންވާ ތަނެއް ކަނޑައަޅައި މަސައްކަތް ހަވާލުކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެބިމުގައި ފައިސާ ހޯދުމަށް އިތުރު މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އެ މަސައްކަތުގެ ބިޑު ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ ބިޑުގައި މަސައްކަތް ކުރުމަށް ވިލިމާލެ އިރުމަތީފަރާތުގައި ހަލާކުވެފައި ހުރި ކޮޓަރިތަކުން ދެ ބުލޮކް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ބެހެއްޓުމަށާއި މަސައްކަތުގެ އިދާރީ އޮފީހެއް ހެދުމަށް ބޭނުންވާ ކަމަށާއި އެތަނުގައި މަޝްރޫއު ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް ފައިސާ ހޯދޭނެ މަސައްކަތްތައް ކުރެވޭނެ ކަމަށް ބަޔާންކޮށްފަ ވާތީ އެފަރާތުން އެ ބިމާގުޅޭ ގޮތުން ހުށަހަޅާފައިވަ ހުށެހެޅުން ތަކަކީ އިއުލާނާ ގުޅިގެން ދީފައިވާ މައުލޫމާތާ ޚިލާފު ހުށަހެޅުންތަކެއް ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ބުނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ދިނުމަށް ކަނޑައަޅާފައިވާ ބިމުގެ ތަފުސީލާއި ބިމުގައި ފައިސާ ހޯދޭނެ މަސައްކަތް ކުރެވޭނެކަމުގެ މައުލޫމާތު އިއުލާނާ ގުޅިގެން ދީފައިނުވާތީ ބިޑު ކާމިޔާބުކުރި ފަރާތް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ވެސް ބިޑު ހުށަހަޅާފައި ވަނީ ސިޓީކައުންސިލުން ދިނުމަށް ކަނޑައަޅާފައިވަ ބިމަކީ ހަމައެކަނި މަސައްކަތްކުރާ ތަކެތި ބެހެއްޓުމަށް ދޭ ބިމެއްގެ ގޮތުގައި ބަލައިގެންކަން ލިޔެކިޔުންތަކުންނާއި އެފަރާތްތަކުގެ ބަޔާންތަކުން އެނގޭ ކަމަށެވެ.

އެ ކޮމިޝަނުން އަދި ބުނީ އެ މަސައްކަތް ހަވާލުކުރި ފަރާތަކީ އެކަމަށް އެންމެ ގާބިލް އަދި ކުޑަ އަގެއް ހުށަހެޅި ފަރާތްކަމަށް ބިޑު އިވެލުއޭޝަން ކޮމެޓީން ބުނެފައިވީ ނަމަވެސް ބިޑް ކާމިޔާބު ކުރި ފަރާތްފިޔަވައި އެހެން ފަރާތްތަކަށް ވެސް އެގްރިމެންޓްގައިވާ ގޮތަށް އެމަސައްކަތް ހަވާލުކުރާ ފަރާތަކަށް މަސައްކަތްކުރުމަށް ވިލިނގިލިން ދޭން ނިންމި ބިމުގައި ވިޔަފާރި ކުރެވޭނެ ކަމާއި އެބިން އެހެން ފަރާތްތަކަށް ކުއްޔަށްދެވޭނެކަމުގެ މައުލޫމާތު ބިޑު ހުށަހެޅި އެހެން ފަރާތްތަކަށް ލިބުނުނަމަ އެފަރާތްތަކުން ހުށަހެޅި އަގު ވެސް ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރަން ނިންމި ނިންމުމަކީ އެ މަސައްކަތާ ގުޅިގެން ބިޑު ހުށަހެޅި އެހެންފަރާތްތަކަށް ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމެއްކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި އިއުލާނާ ގުޅިގެން ދީފައިވާ މައުލޫމާތާ ޚިލާފަށް ވަކި ފަރާތަކުން ބިޑު ހުށަހަޅާފައިވަނިކޮށް ބިޑު އިވެލުއޭޝަންގައި އެފަރާތުގެ ހުށަހެޅުމަށް ބިނާކޮށް އެފަރާތާ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުމަކީ އެ އިއުލާނާ ގުޅޭ ބިޑު އިވެލުއޭޝަންގައި ބައިވެރިވި ފަރާތްތަކުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.