ދުނިޔޭގެ އެންމެ ހަގު ވަޒީރުގެ ރެކޯޑް އޮސްޓްރިއާގެ އާ ފޮރިން މިނިސްޓަރު ސެބާސްޓިއަން ކޫރުޒް ހޯއްދަވައިފި އެވެ.

އޮސްޓްރިއާގެ އާ ކޯލިޝަން ސަރުކާރުގެ ވަޒީރުން މަގާމުތަކާ ހަވާލުވުމާއެކު، ކޫރުޒް އޮސްޓްރިއާގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެފައި ވަނީ އުމުރުން 29 އަހަރުގަ އެވެ.

ކޫރުޒް އަކީ އާ ވަޒީރުންގެ ގޮތުގައި އޮސްޓްރިއާގެ އާ ރައީސް ހެއިންޒް ފިޝާ ހަމަޖައްސަވާފައިވާ 12 ވަޒީރުންގެ ކެބިނެޓްގެ މެމްބަރެކެވެ.

ހެއިންޒް ފިޝާ ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ އިންތިހާބުތައް ސޯޝަލް ޑެމޮކްރެޓުން އަދި ޕީޕަލްސް ޕާޓީން ކާމިޔާބުކުރުމާ ގުޅިގެން ނެވެ.

ދުނިޔޭގެ އެންމެ ހަނގު ވަޒީރުގެ ރެކޯޑް ހޯއްދަވާފައިވާ 27 އަހަރުގެ ކޫރުޒް އަކީ ކުރިން ސްޓޭޓް ސެކެޓްރީ ފޯ އިންޓެގްރޭޝަންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މިމަގާމުގައި ހުންނަވައިގެން އޮސްޓްރިއާއަށް ހިޖުރަކުރާ މީހުން މުޖުތަމައުގެ ތެރެއަށް ގެނައުމަށް ކުރައްވާފައިވާ ބުރަ މަސައްކަތުގެ ސަބަބުން ކޫރުޒު ވަނީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ހާއްސަކޮށް އޮސްޓްރިއާއަށް ހިޖުރަކުރާ މުސްލިމުންނަށް ޖަރުމަން ބަސް ދަސްކޮށްދިނުމަށް ކޫރުޒު ފެއްޓެވި މަސައްކަތްތައް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ޒުވާން ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އުތުރު ކޮރެއާ ލީޑަރު ކިމް ޖޮންގު އުން އެވެ. ކިމް ޖޮންގް އުންގެ ސީދާ އުމުރު ނޭނގޭ ނަމަވެސް، ކިމްގެ އުމުރަކީ 28 ނުވަތަ 29 އަހަރު ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ދުނިޔޭގެ އެންމެ ހަނގު ބޮޑުވަޒީރުގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައި ވަނީ 2004 ވަނަ އަހަރުގެ ޑޮމިނިކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ރޫސެވެލްޓް ސްކެރިޓް އެވެ. ރޫސެވެލްޓް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އުމުރަކީ 32 އެވެ.

ދުނިޔޭގެ އެންމެ ހަނގު އެއް ރަސްގެފާނުގެ ގޮތުގައި ފާހަގަކުރެވެނީ ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ވަންޗުކެވެ. ދެހާސް އަށް ވަނަގައި ވަންޗުކް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އުމުރަކީ 28 އަހަރެވެ.