އިޒްރޭލުގެ "އައި ފްރޮމް ޒިއޯން" ކިޔާ ލޮލުގެ ޑޮކްޓަރުންގެ ޑީމުން ހުއްދަ ހޯދުމަށް މިހާތަނަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކަކަށް ނުބެލޭ ކަމަށް މެޑިކަލް ކައުންސިލުން ބުނެފި އެވެ.


މެޑިކަލް ކައުންސިލްގެ މީޑިއާ ކޯޑިނޭޓާ މުހައްމަދު އިޔާސް މިރޭ ވިދާޅުވީ އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމުން ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހުރިހާ ލިޔުމެއް ލިބިފައިނުވާ ކަމަށާއި ލިބުނު ލިޔުންތަކުގެ ތެރެއިން ވެސް އެ ކައުންސިލުގެ ގަވާއިދަށް ފެތޭ އެއްވެސް ލިޔުމެއް އަދި މިހާތަނަށް ހުށަހެޅިފައި ނުވާތީ އިޒްރޭލު ޑޮކްޓަރުންގެ ޓީމަށް ހުއްދަ ދިނުމަށް އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އެ ކައުންސިލުން މަސައްކަތް ކުރަނީ ހުއްދަ ނުދޭން ކަމަށް ދެކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެންގެ ކައުންސިލުގެ ގަވާއިދުގައިވާ އުސޫލުތަކުގެ ދަށުން ހުއްދަ ދެވޭނީ. އަޅުގަނޑުމެން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލިބެގެން ނޫނީ ހުއްދައެއް ނުދެވޭނެ. [ލިއުންތައް] ލިބޭ މިންވަރަކުން ބަލަމުން މިގެންދަނީ. އަޅުގަނޑުމެންގެ ކްރައިޓީރިއާއަށް ފެތެންޏާ މިހާރު ވެސް ހުއްދަދޭން މިތިބީ." އިޔާސް ވިދާޅުވި އެވެ.


އެމައްސަލައާ ގުޅިގެން މާދަމާ ވެސް މެޑިކަލް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމުގެ އެޕޮއިންޓްމަންޓްތައް މިއަދު ހަވީރު ވަނީ ކުއްލި ގޮތަކަށް ކެންސަލްކޮށްފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބް މިއަދު ހަވީރު ވިދާޅުވީ "އައި ފްރޮމް ޒިއޯން"ގެ އެ ޕޮއިންޓްމަންޓްތައް ފަސްކޮށްފައި ވަނީ އެ ޓީމުގެ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަން އަދި މިހާތަނަށް ހަމަޖެހިފައި ނުވާތީ ކަމަށެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ މީހުންގެ އޮޕޮއިންޓްމަންޓްތައް އަލުން ފަށައި ގަނެވޭނެވަރު ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.


ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވެސް ހިފައިގެން އައި އިޒްރޭލްގެ "އައި ފްރޯމް ޒިއޯން" ޓީމް ހަފުތާ ވަންދެން އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއް ކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒިއޯން" މި ބަހުންނެވެ.