ގިނަދުވަސްވީ ‘ވަށް’ ފަރުމާ މުގުރާލައި ‘ފަތާ’ ކޮށް ހަދާފައިވާ ބޮތްކެއް ފިލިޕްސްގެ ކުންފުންޏަކުން އުފައްދައިފި އެވެ.

ސްލިމް ސްޓައިލް ނަމަކަށް ކިޔުނު މި އެލްއީޑީ (ލައިޓް އެމިޓިން ޑަޔޯޑް) ބޮތްކަކީ އާދައިގެ 60 ވޯޓުގެ ބޮތްކަކާ އެއްވަރަށް އަލިކޮށްދޭ ބޮތްކެކެވެ. ނަމަވެސް ސްލިމް ސްޓައިލް އިން ބޭނުން ކުރަނީ 10.5 ވޯޓުގެ ކަރަންޓެވެ. އަދި އާދައިގެ ބޮކިތަކުގައި ބޭނުންކޮށްފައި ހުންނަ މާކިއުރީ ބޭނުންކޮށްފައި ނެތުމުން ސްލިމް ސްޓައިލް އަކީ ތިމާވެއްޓާ ރައްޓެހި ބޮތްކެއްގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ.

އަލި ގަދަކޮށް މަޑުކޮށްލެވޭ ގޮތަށް ހަދާފައިވާ މި ބޮކީގެ އުމުރަކީ 25,000 ގަޑީރެވެ. ނުވަތަ ގާތްގަނޑަކަށް 22 އަހަރެވެ. މީހެއްގެ އުމުރުގައި މި ބޮކި ބަދަލުކުރަން ޖެހޭނީ ގާތްގަނޑަކަށް 3 ފަހަރު އެވެ.

ސްލިމް ސްޓައިލްގެ އެންމެ ފާހަގަކުރެވޭ ކަމަކީ އޭގެ ފަރުމާއެވެ. ފުރަތަމަ ބަލައިލާއިރު އެއީ އާދައިގެ ބޮތްކެކޭ ވެސް ހީވެދާނެއެވެ. ނަމަވެސް އަނބުރާލުމުން މި ބޮކީގެ ހިމަކަން އެންގެއެވެ. ސްލިމް ސްޓައިލްގެ ފަތާ ފަރުމާގެ ސަބަބުން އާދައިގެ ބޮތްކަށްވުރެން ހަރުކޮށްލަން ވެސް ފަސޭހައެވެ. އާއްމުކޮށް ގޭގޭގައި ހުންނަ ސޮކެޓުތަކަށް މި ބޮކި ފިޓުވެއެވެ.

އެލްއީޑީ ބޮކީގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. އަދި މަގުބޫލުކަމާއެކު ގަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން ދިއުމުން، އެލްއީޑީ ބޮކީގެ އަގުތައްވެސް ދަނީ ދުވަހުން ދުވަހަކަށް ދަށްވަމުންނެވެ.

އެލްއީޑީ އާ ބެހޭ މާހިރެއްކަމަށްވާ ސަލް ކަންޖެލޯސޯ ބުނީ،“މިހާރު އަހަރަމެން މިއުޅެނީ ވަރަށް އެކްސައިޓިން ދުވަސްކޮޅެއްގައި. އެލްއީޑީ ބޮކީގެ އަގު ވަނީ 10 ޑޮލަރަށްވުރެ ދަށްވެފައި. ގިނަ މީހުން އެލްއީޑީއަށް ބަދަލުވާން އަދި ނުފެށިޔަސް، ބޮކީގެ އަގު ހެޔޮވަމުން އަންނަ މި ދުވަސްވަރުގައި އާދައިގެ 40 ވޮޓް އަދި 60 ވޮޓުގެ ބޮކިތައް ބޭނުން ކުރުން ދާނީ މަޑުމަޑުން މަދުވަމުން.”

2 ޖެނުއަރީ އިން ފެށިގެން އެމެރިކާގައި 10 ޑޮލަރަށް ސްލިމްލައިޓް ލިބެން ހުންނާނެ ކަމަށް ފިލިޕްސް އިން ބުނެއެވެ.