ޒުވާނަނަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދއުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ ޏ.ފުވައްމުލައް ދަނޑިމަގު، ލާސާނީ، ވިޝާހު ރަޝާދު،21 އާއި މާލޭ ދަފްތަރު 1475 އަހްމަދު ރިމާޒް،24، އާއި މާލޭ ދަފްތަރު 1264 ޝަމާހު މޫސާދީދީ،22، ގެއިތުރުން ހ.މޯނިންގްލޯރީ ހުސައިން ޒިނާދު މުހައްމަދު،20، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަދުވަހުގެ ރޭގެ ވަގުތެއްގައި ޖަމާއަތް ހަދައިގެން ގޮސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ޒުވާނާގެ ފުއްކިބަޔަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފަ އެވެ.

އެ މީހުންނަކީ މީގެކުރިން ވެސް ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ތެރެއިން ޝަމާހު މޫސާ ދީދީ އަކީ ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ދައުލަތުން މީގެކުރިން ދައުވާ އުފުލި މީހެކެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ. އޭގެއިތުރުން ވައްކަމުގެ ކުށް ސާބިތުވެ އޭނާ އަރުވާލަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.