17 Dec 2013, 13:25
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރަށް މިއަދު އެއް މަސްވީއިރު، ސަރުކާރަށް އޭ ރިޕޯޓެއް ލިބޭ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޔާމިން ކާމިޔާބު ކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު، ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އާ ސަރުކާރަށް މިއަދު އެއް މަސްވީ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ވެރި ކަމަށް މިއަދު އެއް މަސްވުމާ ގުޅިގެން ސަންއާ ވާހަކަފުޅު ދައްކަވަމުން މުއާޒު ވިދާޅުވީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ދެމުން ގެންދެވެނީ "އެއްވެސް ހާޖާނެއް، ނެތި، އެކުވެރިކަމާއެކު" ކޯލިޝަން ދެމި އޮތުމުން ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ގާސިމް އިބްރާހިމް "ވަތަންއެދުނު" ވެރިކަމުން "ފެއަށް" ޖެހިވަޑައިގަތަސް، މިއަދު ސަރުކާރުން ފެނިގެންދަނީ "ބަދަހި" ކޯލިޝަނެއް ކަމަށް މުއާޒު ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް މިއަދު މި ލިބުނީ 'ކޮމާންޑަޑެއް'. ރައްޔިތުންނަށް ސަރުކާރުން ދެމުންގެންދާ ހިދުމަތްތައް އެންމެ ފުރިހަމަކަމާއެކު ދެވިގެންދަނީ ސަރުކާރު ކޯލިޝަން ބަދަހިކަން. އިރާދަ ކުރެއްވިއްޔާ މި ކޯމިޝަން މި ގޮތުގައި ދަމަހައްޓާނަން،" ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރައީސް ޔާމިންގެ ތަރުޖަމާންކަން ވެސް ކުރެއްވި މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމިންއަކީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަމަލީ ގޮތުން މިސާލު ދައްކަވާ އެއަށް އަމަލު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ވަޑައިގެންގަތުމަށްފަހު މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރުމަށް ރައީސް އޮފީހުގެ ފައިނޭންސް ޑިޕާޓްމަންޓަށް އަންގަވައި، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ސްޓޭޓު މިނިސްޓަރުންނާއި ނައިބުންގެ މަހު މުސާރައިން 5000ރ. އުނިކުރެއްވި ކަމަށް މުއާޒު ވިދާޅުވި އެވެ.
"ސިޔާސީ ހަގީގަތަކީ ސިޔާސީ މަގާމުތަކަށް ބަދަލު އަންނާނެ. ބައެއް ބޭފުޅުން ވަކިވެގެން ވެސް ދާނެ. އަތުރު ބަޔަކު ވެސް އަންނާނެ. އެކަންތައް ރައީސް ކުރައްވަނީ ބަޔަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައެއް ނޫން،" މުއާޒު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމްތަކެއް ކަނޑައެޅިގެން ދިއުމަކީ ވެސް ސަރުކަރުގެ އެއް މަސް ދުވަހުގެ ތެރޭގައި ލިބުނު ކާމިޔާބީއެއް ކަމަށް މުއާޒު ވިދާޅުވި އެވެ.
ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ކެބިނެޓް ވަޒީރުން ވަނީ "ވެރިކަމުގެ 100 ދުވަހު"ގެ ތެރޭގައި މިނިސްޓްރީތަކުން ހާސިލް ކުރާނެ ލަނޑުދަނޑިތަކެއް އިއުލާން ކުރައްވާފަ އެވެ. އެ ލަނޑުދަނޑިތަކަށް މިއަދުން ފެށިގެން ބާކީ އޮތީ 70 ދުވަހެ އެވެ.
ނޮވެމްބަރު، 17، 2013ގައި އުފެދުނު ރައީސް ޔާމީންގެ ސަރުކާރަށް 100 ދުވަސް ވާނީ ފެބްރުއަރީ 25، 2014ގަ އެވެ.