އައިލެންޑް އޭވިއޭޝަނަށް ރިސޯޓް ހިންގުމަށް ދީފައިވާ ތ. ރުއްތިބި ތަރައްގީ ކުރުމަށް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ހަތަރު ފަރާތަކުން އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ ކުންފުނިތަކެއް ކަމެއް ނުވަތަ ބޭރުގެ ކުންފުނިތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ހަތަރު ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި، ނަމަވެސް އަދި ދައްނަވާކަށް ނޭންގޭ ހަވާލުކުރެވޭނެ ވަކި ދުވަހެއް،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ އެ ރަށުގައި ތަރައްގީ ކުރަނީ ކިތައް އެނދެއްގެ ރިސޯޓެއްކަން އެނގޭނީ ވަކި ބަޔަކާ ހަވާލުކުރުމުން ކަމަށެވެ. އަދި މިހާތަނަށް އެޕުލޭންތައް ހަދާފައި ނުވާ ކަމަށެވެ.

އެ ރަށް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ ލ. ކައްދޫ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނުން ހަވާލު ކުރުމަށް ފަހު މިދިޔަ މަހު އަށް ވަނަ ދުވަހު އެވެ.

ކައްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. ހަމައެއާ އެކު ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވަނީ ވިލާއެއާ އާ ހަވާލުކޮށްފަ އެވެ. އެގޮތަށް ނިންމީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ.