ފަސް ހާލަތެއްގައި ދަރި ވެއްޓުން ނުވަތަ އެބޯޝަން ހެދުން ހުއްދަ ކަމަށް ރާއްޖޭގެ ފިޤުހު އެކަޑަމީން ފަތުވާއެއް ނެރެފި އެވެ.

ފިޤުހު އެކަޑަމީގެ އަށް މެމްބަރުން ސޮއިކުރައްވައި މިމަހުގެ 11 ވަނަ ދުވަހު ފަތުވާ އާއްމުކުރެއްވުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެފަތުވާ ބިނާކޮށްފައި ވަނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ މަބާދިއުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ދަރިވައްޓާލުން ހުއްދަވާ ފުރަތަމަ ހާލަތުގެ ގޮތުގައި ފަތުވާގައި ބުނެފައި ވަނީ ކައިވެނި ހެޔޮނުވާ ފިރިހެނަކު އެފަދަ އަންހެނަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި (ރޭޕްކޮށް) އެ އަންހެނާގެ އިއްފަތްތެރިކަމަށް އަރައި ގަތުމެވެ. އެހާލަތުގައި އެއަންހެނާގެ ރަހިމުގައިވާ ނުތުފާ 120 ދުވަސް (ހަތަރު މަސްދުވަސް) ވުމުގެ ކުރިން ހަލާކުކޮށްލައި ނައްތާލުން (އެބޯޝަން ހެދުން) ހުއްދަވާނެ ކަމަށެވެ. ދެވަނަ ހާލާތެއް ކަމަށް ވަނީ ކައިވެނި ހެޔޮވާ ފިރިހެނަކު އެފަދަ ގޮތަކަށް ކަންތައް ކޮށްގެން ބަލިވެ އިނުމެވެ.

ތިންވަނަ ހާލަތެއް ކަމަށް ބުނެފައި ވަނީ ހަށިގަނޑު ބަލިކަށި ނުވަތަ ބަލިވެ އިނުމަށް އަހުލުވެރި ނުވާ ކުއްޖަކާ އެކު ގަދަކަމުން ގުޅުން ހިންގުމުގެ ސަބަބުން ބަލިވެ އިނުމެވެ. އެފަދަ ހާލަތުގައި ވެސް 120 ދުވަސް ވުމުގެ ކުރިން ވައްޓާލުން ހުއްދަވާނެ ކަމަށް ބުނެފައިވެ އެވެ.

ހަތަރުވަނަ ހާލަތެއް ކަމަށް ބުނެފައި ވަނީ ސައްހަ ކައިވެންޏެއް ކޮށްގެން އިން އަންހެނަކު ބަލިވެ އިން އިރު އެއަންހެނާގެ ބަނޑުގައިވާ ދަރިއަކީ ދާއިމީ ބޮޑު އުނި ކަމެއް ހުރެދާނެ ފަދަ ބޮޑު ބައްޔެއް ޖެހިފައިވާ ކުއްޖެއްކަން ޔަގީންވާއިރު އެބައްޔަކީ ބޭހަކުން ފަރުވާއަކުން ރަނގަޅު ކުރެވިދާނެ ކަމެއް ކަމުގައި ނުވުމެވެ. އެފަދަ ބައެއް ބަލިތަކުގެ މިސާލުތައް ވެސް ފަތުވާފައި ބަޔާންކޮށްފައި ވެއެވެ.

"ޞައްޙަ ކައިވެންޏެއް ކޮށްގެން އިން އަންހެނާ ބަލިވެއިން އިރު، އެއަންހެނާގެ ބަނޑުގައި ގަރުބަގެންފައިވާ ދަރިއަކީ ، ތެލަސީމިއާ މޭޖަރ، ސިކްލް ސެލް މޭޖަރ، ނުވަތަ އެކުއްޖާ އުފަންވާއިރު ހަށިގަނޑުގައި ނުވަތަ ސިކުނޑީގައި ދާއިމީ ބޮޑު އުނި ކަމެއް ހުރެދާނެ ފަދަ ބޮޑު ބައްޔެއް ޖެހިފައިވާ ކުއްޖެއްކަން ޑަކްޓަރީ ގޮތުން ޔަޤީންވާއިރު، އެއީ ބޭހަކުން ނުވަތަ ފަރުވާއަކުން ފަސޭހަކުރެވިދާނެ ކަމެއް ކަމުގައި ނުވާނަމަ، އެއަންހެންމީހާ ބަލިވެއިންތާ 120 ދުވަސްވުމުގެ ކުރިން ވައްޓާލުމަކީ ހުއްދަ ކެމެކެވެ،" ފަތުވާގައި ވެއެއެވެ.

ފަސް ވަނަ ހާލަތެއް ކަމަށް ބުނެފައި ވަނީ އަންހެނާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ވުމެވެ. އެހާލަތުގައި 120 ދުވަސް ވުމަށް ފަހުގައި ވެސް، ހައްޔަރުން ނައްޓާލުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާގައި ވެއެވެ.

ދަރިވައްޓައިލުން ހުއްދަވާ އެހާލަތްތަކުގައި ވެސް ރިއާޔަތްކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފަތުވާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ސައްހަ ކައިވެންޏެއްގައިވާ އަންހެނެއް ނަމަ އެކަން ކުރުމަށް ދެމަފިރިން ރުހި ގަބޫލުވުމަކީ ޝަރުތެއް ކަމަށް ބުނެފައިވެ އެވެ. އަދި އެހާލަތުގައި ބޮޑު ބައްޔެއް ހުރިކަން ޑޮކްޓަރެއް ނުވަތަ ޑޮކްޓަރުންގެ ޓީމަކުން ރަސްމީ ލިއުމަކުން ކަށަވަރުކުރުމަކީ ވެސް ޝަރުތެކެވެ.

ފަތުވާގައި ބުނެފައި ވަނީ ބަލިވެ އިންނަތާ 120 ދުވަސް ނުވާނަމަ އެއީ ފުރާނަ ހުރި ނަފުސަކަށް ނުވާ ކަމަށާއި އެހެންވީމާ އެއީ ފުރާނަ ހުރި ނަފުސެއް މަރާލުން ކަމަށް ނުވާނެ ކަމަށެވެ.
މިއީ 2010 ވަނަ އަހަރު ފިގުހު އެކަޑަމީ އުފެއްދި ފަހުން ނެރުނު ހަވަނަ ފަތުވާ އެވެ.