17 Dec 2013, 11:36
އޭސީ މިލާން އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުކޮށް އިޓާލިއަން ލީގުގައި މެޗަކުން ބަލިނުވެ އޭސް ރޯމާ ދަމަހައްޓަމުން އަންނަ ސިލްސިލާއަށް ބޮޅެއް އިތުރު ކޮށްފި އެވެ.
ރޯމާ އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު އެއްވަރު ވެފައިވީ ނަމަވެސް މި ނަތީޖާއާއެކު އެ ކްލަބު ވަނީ، ލީގުގައި މެޗަކުން ބަލިނުވެ 16 މެޗު ހަމަ ކޮށްފަ އެވެ.
މިލާންގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ރޯމާއިން ދެފަހަރަށް ކުރި ހޯދި އެވެ. އެގޮތުން މެޗުގެ 13 ވަނަ މިނިޓުގައި ރޯމާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މަޓިއާ ޑެސްޓްރޯ އެވެ. ނަމަވެސް މިލާންގެ ކްރިސްޓިއަން ޒަޕާޓާ ވަނީ 29 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ރޯމާއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ 51 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެވިން ސްޓްރޫޓްމަން އެވެ. އެހެން ނަމަވެސް މާރިއޯ ބަލޮޓެލީ ތަނަވެސް ކޮށްދިން ފުރުސަތަކުން 77 ވަނަ މިނިޓުގައި މިލާނަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ސުލޭ މުންތާރީ އެވެ.
މި މެޗުގައި ދެޓީމަށް ވެސް ނަތީޖާ ބަދަލުކޮށް ތިން ޕޮއިންޓު ހޯދުމަށް ފުރުސަތު ލިބުނު ނަމަވެސް މެޗު ނިމިގެން ދިޔައިރު ކޮންމެ ޓީމަކަށް ވެސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކާ އެކު އެވެ.
މި ނަތީޖާއާ އެކު ލީގު ތާވަލުގެ ކުރީގައި އޮތް ޔުވެންޓާސް އަށްވުރެ ފަސް ޕޮއިންޓު ފަހަތުން ތާވަލުގެ ދެވަނައިގައި 38 ޕޮއިންޓާއެކު ރޯމާ އޮތްއިރު މިލާން އޮތީ 19 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގަ އެވެ.