17 Dec 2013, 10:54
އިނގިރޭސިވިލާތުގެ ފުޓްބޯލް ސަޕޯޓަރުންގެ ފެޑެރޭޝަން އެވޯޑްސް އިން ހޮވާ 2013 ވަނަ އަހަރުގެ "ޕްލޭޔާ އޮފް ދަ އިޔާ"ގެ މަގާމަށް ލިވަޕޫލުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ހޮވިއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ސުއަރޭޒް ޓްރޮފީ އުފުލައިލިއިރު ޓްރޮފީއެއްގައި ބީހިލުމުގެ އުފާ ލިބިފައި ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އާސެނަލްގެ ކޯޗު އާސިން ވެންގާ ވަނީ މިސީޒަންގައި އެ ކްލަބު ވަރުގަދަކޮށް ޓްރޮފީ ހޯދުމަށްޓަކައި އެޓީމަށް ސުއަރޭޒް ގެންނަން ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް ޓްރާންފާ ފީއަކަށް އާސެނަލް އިން 40,000,001 ޕައުންޑުގެ ބިޑެއް ހުށަހަޅައި ލިވަޕޫލުން އެކަމަށް ފުރަގަސް ދިންތާ ހަ މަހައްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ސުއަރޭޒް މިވަނީ އޭނާ އަމިއްލައަށް އެމިރޭޓްސްގައި ޓްރޮފީއެއް އުފުލާލައިފަ އެވެ.
ހުސްވި ސީޒަންގައި އަހްލާގީ އެތައް މައްސަލަތަކެއްގެ ސަބަބުން ސަސްޕެންޝަން ތަކާއި އަދި ގިނަބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސުއަރޭޒް ވަނީ އޭނާއަކީ ހުނަރުވެރި މޮޅު ފޯވާޑެއްކަން ސާބިތުކޮށްދީފަ އެވެ.
މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ޗެލްސީގެ ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗްގެ އަތުގައި ދަތްއެޅުމުގެ ސަބަބުން 10 މެޗުގެ ސަސްޕެންޝަނަކަށް ފަހު މިސީޒަންގެ ކުރީ ކޮޅުގައި ކުޅުމުގެ ތެރެއަށް އެނބުރި އައި ފަހުން ސުއަރޭޒްގެ ފަރާތުން ވަނީ، އާދަޔާހިލާފް މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން އޭނާ ވަނީ މިސީޒަންގެ މިހާތަނަށް ލީގުގައި ޖުމުލަ 17 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ގާތްގަނޑަކަށް 500,000 އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވި ފުޓްބޯލް ސަޕޯޓަރުންގެ ފެޑެރޭޝަން އެވޯޑްސްއިން ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާގެ މަގާމް ސުއަރޭޒަށް ލިބިފައި މިވަނީ، ލެއިޓަން ބެނީސް، ކްރިސްޓިއަން ބެންޓެކޭ، ހުއާން މާޓާ، ރޮބިން ވެން ޕާސީ އަދި ޕަބްލޯ ޒަބަލޭޓާ ފަދަ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.
އެވޯޑާ ހަވާލުވުމަށްފަހު ސުއަރޭޒް ބުނީ " މިއެވޯޑަކީ އަހަރެންގެ އެކަނި ހައްގެއް ނޫން، އެކަމަކު އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއި، މެނޭޖްމަންޓާއި ކޯޗިން ސްޓާފުންގެ އިތުރުން ލިވަޕޫލާ ގުޅިފައިވާ އެންމެންގެ ހައްގެއް،" ކަމަށެވެ.