17 Dec 2013, 10:36
އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަން ކުރިއަށް ވުރެ ބޮޑަށް ރާއްޖެއަށް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމު ވިދާޅުވީ އައިޑީބީގެ ރައީސް ޑރ. އަހުމަދު މުހައްމަދު އަލީ އާއެކު މެލޭޝިއާގައި މިއަދު ރަސްމީ ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ.
"އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ ރައިސް ޑރ. އަހުމަދު މުހައްމަދު އަލީއާ އެކު މެލޭޝިއާގައި މިއަދު ރަސްމީ ބައްދަލުވުމެއް ބޭއްވިއްޖެ. އައިޑީބީގެ އެހީތެރިކަން މިހާރަށް ވުރެ ފުޅާކޮށް ރާއްޖެއަށް ބޭނުންވާކަމަށް އެބައްދަލުވުމުގައި ދެންނެވިން. އައިޑީބީގެ ރައީސް ވިދާޅުވީ އެބޭންކުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް،" މިއަދު "ސަން"އަށް ފޮނުއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް ޒިޔާރަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް އައިޑީބީގެ ރައީސް ވިދާޅުވި ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
އައިޑީބީގެ އެހީތެރިކަން ރާއްޖެއަށް މިހާރުވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކެއް އުފެއްދީ ވެސް އެބޭންކްގެ އެހީތެރިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.