17 Dec 2013, 10:22
މެޝިނެއްގެ ތެރޭގައި ތާށިވެ އަތް ބުރިވި ޗައިނާ މީހެއްގެ އަތްތިލަ އަލުން ގުޅުވުމަށްޓަކައި މަރުވިޔަ ނުދިނުމަށް ތަނބިކަށީގައި އިންދައިގެން އެ އަތްތިލަ ސަލާމަތްކޮށްފި އެވެ.
ޑެއިލީ މެއިލް ބުނީ ޗައިނާގެ ހުނާން ޕްރޮވިންސްގެ ޝޭންޑޭ ނަމަކަށް ކިޔާ ރަށުގައި ދިރިއުޅޭ ޒިޔާއޯ ވެއި ނަމަކަށްކިޔާ މީހެއްގެ އަތްތިލަ މިދިޔަ ނޮވްބަރު މަހު މެޝިނެއްގެ ތެރޭގައި ތާށިވެ ބުރިވި ކަމަށެވެ. އަދި އެއަތް ތިލަ ވަގުތުން ގުޅުވޭ ވަރަށް ވުރެ ބޮޑަށް އަތް ޒަހަމްވެފައިވާތީ، ގުޅުވަން ކުރަން ޖެހޭ އޮޕަރޭޝަނަށް ތައްޔާރުވަން ދެން ފައިގެ ތަނބިކަށީގައި އިންދި ކަމަށް އެނޫސް ބުންޏެވެ.
http://www.sun.mv/albums/l_21776.jpg
ޒިޔާއޯ ބުނި ކަމަށް ނޫހުގައިވާ ގޮތުން އޭނާ ފުރަތަމަ ގެންދިޔައީ ރަށުގައި ހުރި އާދައިގެ ހޮސްޕިޓަލަކަށް ކަމަށާއި އަތްތިލަ ނުގުޅުވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ. ނަމަވެސް ސަރަހައްދީ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އެކަން ވެދާނެ ކަމަށް ބުނި ކަމަށް އޭނާ ބުނެފައި ވެއެވެ.
"އަހަރެން އަދި ޒުވާން، ކަނާތްތިލަ އާ ނުލައި ދިރިއުޅޭނެ ގޮތެއް އަހަންނަށް ތަސައްވުރު ވެސް ނުކުރެވޭ،" ހާދިސާ ކިޔައިދެމުން ޒިޔާއޯ ބުނެފައިވެ އެވެ.
ބޮޑު ހޮސްޕިޓަލަށް އޭނާ ގެންދިޔައީ އަތްތިލަ ބުރިވިތާ ހަތްގަޑިއިރުފަހުންނެވެ. އަތްތިލަ އަލުން ގުޅުވޭނެ ކަމުގެ އުއްމީދު ޑޮކްޓަރުންނަށް އޮތް ނަމަވެސް އެ ކަމަށް ކުރަން ޖެހޭ އޮޕަރޭޝަން ވަގުތުން ނުކުރެވޭނެތީ އަތްތިލަ މަރުވިޔަ ނުދިނުމަށް ޓަކައި އިންދީ ފައިގެ ތަނބިކައްޓާއެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން ޒިޔާއޯގެ އަތްތިލަ މިހާރު ވަނީ އަލުން އޭނާގެ އަތާ ގުޅާލާފަ އެވެ. ކުރަން ޖެހޭ ބައެއް އޮޕަރޭޝަންތައް ކުރުމުން އެއަތްތިލަ ކުރިއެކޭ އެއްގޮތަށް މަސައްކަތްކުރާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.