ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓްސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި ދިވެހި ގައުމީ ޕާޓީން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ރުހުން ނުލިބޭ ވަޒީރުން މަގާމުން ވަކިވަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ދެން "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ތިބެވޭނެ ކަމަށް ނިންމީ އަދުލް އިންސާފު ގާއިމްކުރުމުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތަށް ބެލުމަށް ފަހު ކަމަށެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމްގައި ބުނަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުންނާއި  ސުޕްރީމް ކޯޓަށް ގާނޫނީ ގޮތުން ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރި ކަމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ވިސްނުމަށް ފަހު  ދިވެހި ދައުލަތް ގާނޫނީ ހުސް ކަމަށް އަޔަ ނުދީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އާންމުންނަށް ފޮރުކޮށްދޭންޖެހޭ ހިދުމަތްތައް އެއްވެސް މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން ކަށަވަރު ކުރުމަށްޓަކައި ރުހުން ނުލިބޭ ވަޒީރުން  ރުހުން ނުލިބޭ ވަޒީރުން ވަކިވަންދެން ނުވަތަ ވަކި ކުރެވެންދެން ޑޮކްޓަރީން އޮފް ނެސަސިޓީގެ ދަށުން ޑިފެކްޓޯ މުވައްޒަފުންގެ ގޮތުގައި އެ މަގާމުގައި ތިބި ނަމަވެސް  ރައީސް އައްޔަން ކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން  ހޯދުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ )ނ( ލާޒިމް ކުރާ ކަމެއް ކަމަށެވެ.
"... ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ )ނ( ގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން  ވަޒީރުންގެ މަޖިލިސް އެކުލަވައިލުމުގެ މަސްއޫލިއްޔަތަކީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ފުރިހަމަ ކުރަން ޖެހިފައިވާ  ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެންނާތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލް ޖުމް ހޫރިއްޔާ އަންޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ މަގާމުގައި ދެމިތިއްބެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފިން ކަމަށެވެ،" ހުކުމުގައި ވެ އެވެ.
މި މައްސަލަގައި ރައުޔު ތަފާތުވި ފަނޑިޔާރު މުއުތަސިމް އަދުނާން ވެފައި ވަނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ރައީސް އައްޔަންކޮށް ގާނޫނު އަސާސީގައި ބުނާ ހުވައިކޮށް އިގްރާރުގައި ސޮއިކޮށްފައި މަގަމާ  ހަވާލުވާ ވަޒީރުން އެ ވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ވަޒީރުންގެ މަޖިލީހަށް އައްޔަންވި އައްޔަންވުން  ފުރިހަމަވެފައިވާ ކަމަށެވެ.
އޭނާގެ ރައުޔުގައި ވިދާޅުވެފައިވަނީ  މަޖިލީހުގެ ރުހުން ލިބުމަކީ ވަޒީރުންގެ މަޖިލީހަށް ވަޒީރަކު އައޔަންވުމަށް ބޭނުންވާ ޝަރުތެއް ނޫން ކަމަށެވެ.  ވަޒީރަކު އޭނާގެ މަގާމުން ވަކިވާނީ  ނުވަތަ ވަކި ކުރެވޭނީ  ގާނޫނު އަސާސީގެ 137 ވަނަ މާއްދާގެ )ހ( އާއި 139 ވަނަ މާއްދާ އާއި 130 ވަނަ މާއްދާގެ )ށ( ގެ އެކެއް އަދި 130 ވަނަ މާއްދާގެ )ށ( ގެ ދޭކާއި ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ )ރ( ގައި ބުނާ ހާލަތުގައި އެކަނި ކަމަށެވެ.
މި މައްސަލައިގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވެވި އިސް އެއް ވަކީލު އައިޝަތު އާޒިމާ ޝަކުރު ވިދާޅުވީ ރާއްޖޭގެ ގާނޫނީ އޮނިގަނޑު މުސްތަގުބަލުގައި ބައްޓަން ކުރެވޭނީ ސުޕްރީމްކޯޓުން ނިންމެވި ކަންތައްތަކުގެ މައްޗައް ކަމަށާއި މިއީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ވަރަށް މުހިންމު ނިންމުންތަކެއް ކަމަށެވެ. 
އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކުގެ ސަބަބުން ދައުލަތް ހިންގުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ނުގޮސް ސަލާމަތް ކުރެވިއްޖެ ކަމަށާއި އެއްގާނޫނު އަސާސީން އަނެއް ގާނޫނު އަސާސީއަކަށް ހިޖުރަ ކުރާއިރު މިފަދަ ގާނޫނީ ބޮޑަތި ނިންމުންތައް ނިންމިގެންދާނެކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ކުރިއަށް ދިޔުމަށްޓަކައި، ދައުލަތް ކުރިއަށް ދިޔުމަށްޓަކައި، ދައުލަތް ހުސްކަމެއްގެ ތެރެއަށް ނުދިޔުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެއް. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނު ތަކާއި ސަރުކާރުން ނިންމަވާ ނިންމުންތަށް ނިމިގެން ދާނީ މި ބިންގަލުގެ މަތީގައި ކަމަށް އަޅުގަނޑު އުންމީދު ކުރަނީ،" އާޒިމާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފަސް ވަޒީރުންނަކީ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ. ރުހުން ލިބައި ނުވާ ވަޒީރުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމެެވ.