17 Dec 2013, 10:11
ވައްކަމާއި ބަދުއަހްލާގީ އަމަލު ހިންގައިގެން އަންހެނަކު ދެ އަހަރަށް ޖަލަށް
ވައްކަމާއި ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ސާބިތުވެ އަންހެނަކު ދެ އަހަރަށް ޖަލަށްލުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފި އެވެ.
މި ދެ މައްސަލާގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ ޅ.ނައިފަރު، ސައިމާގޭ، މަރިޔަމް ސަޢީދާ (21އ) ގެ މައްޗަށެވެ. މަރިޔަމް ސަޢިދާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ވައްކަންކުރުމުގެ ގިނަ މައްސަލަތަކުގެ ރެކޯޑް އޮންނަ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މަރިޔަމް ސައިދާގެ މައްޗަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައި ވަނީ ނޮވެމްބަރު 2، 2012ގައި ނައިފަރު ގެއެއްގެ ކޮޓަރިއެއް ތެރޭގައި ހިލޭ ފިރިހެނަކާއި އެކު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލަ އަކާއި މިއަހަރުގެ މެއި 14 ވަނަދުވަހުގެ މެންދުރުފަހު ނައިފަރު ގެއެއްގެ ކޮޓަރިތެރޭގައި ހުރި އަތްދަބަހަކުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދެ މައްސަލައިގައި މަރިޔަމް ސައިދާގެ މައްޗަށް ހުކުމް ކުރީ މިދިޔަ ހަފްތާގަ އެވެ. ނައިފަރު ކޮޓަރިތެރޭގައި ހުރި އަލަމާރިއެއްގެ ތެރެއިން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލާގައި މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހަފްތާގައި ކުރި ޙުކުމުގައި ބުނެފައި ވަނީ މަރިޔަމް ސައިދާގެ މައްޗަށް އުފުލާފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުން ބެލިބެލުމުން އޭނާ އަމިއްލައަށް އެ ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށެވެ.
"ނައިފަރު، ވެލިދޫގޭގެ އަލަމާރިއެއްގެ ތެރޭގައި އޮތް އަތްދަބަހަކުން -/20 (ޔޫރޯ) އާއި -/05 [ޔޫ.އެސް ޑޮލަރ] އާއި -/20 [އޮސްޓްރޭލިއަން ޑޮލަރ] އަދި -/200 [އެފްރިކަން ރާންޑް] ވަގަށް ނެގި ކަމަށް އިޢުތިރާފުވެފައި ވާތީ މިއީ މިބާވަތުގެ ކުށެއް މަރިޔަމް ސަޢިދާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ހ. ގެ ދަށުން ހަ މަސްދުވަހުގެ މުއްދަތަށް އަދި 138 ވަނަ މާއްދާގެ ދަށުން 6 (ހައެއް) މަސްދުވަސް އެކު ޖުމްލަ 1 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރީއެވެ،" ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ ހަވާލާދީ ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ވަގުތެއްގައި ނައިފަރު ގެއެއްގެ ކޮޓަރިއެއް ތެރޭގައި ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލާގައި މަރިޔަމް ސައިދާގެ މައްޗަށް ކުރި ދައުވާއަށް ވެސް އިއުތިރާފުވެފައިވާ ކަމަށެވެ.
"ދަޢުލަތުން މަރިޔަމް ސަޢީދާގެ މައްޗަށް އުފުލާފައިވާ މީހެއްގެ ޢިއްދާގައި އިނދެ ހިލޭ ފިރިހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާއަށް މަރިޔަމް ސަޢީދާއަށް އަމިއްލައަށް އިޢުތިރާފްވެފައިވާތީ “އަލްއިޢުތިރާފުލް ސައްޔިދުލް އަދިއްލަ” ގެ މަބްދައަށް ރިއާޔަތްކޮށް، މީހެއްގެ ޢިއްދާގައި އިނދެ ހިލޭފިރިހެނަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުން މަރިޔަމް ސަޢިދާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިކޫށުގެ ޢުޤޫބާތެއްގެގޮތުން ޝަރީޢަތް ކުރުމާއިބެހޭގޮތުން ހެދިފައިވާ ޤަވާއިދުގެ 06 ގެ 173 ވަނަ މާއްދާގެ 3 ވަނަ ނަމްބަރަށް 11 މެއި 2008 ސަރކިއުލަރގެ 7 ވަނަ ނަމްބަރަށް ރިޢާޔަތްކޮށް ޅ.ނައިފަރު. ސައިމާގޭ، މަރިޔަމް ސަޢީދާ 25 އެތިފަހަރުން ތަޢުޒީރުކޮށް 1 (އެކެއް) އަހަރަށް ޖަލަށްލުމަށް ޙުކުމްކުރީ އެވެ،" ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ ހަވާލާދީ ފުލުހުން ބުންޏެވެ.
ބަދުއަޚްލާޤީ އަމަލު ހިންގުމުގެ މި މައްސަލަ ފުލުހުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިއަހަރުގެ މާޗް 13 ވަނަދުވަހު އެވެ.
ވައްކަންކުރުމުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ އެއް ވަނަ ވަނަ ދުވަހު އެވެ.