ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ އަދި އާސެނަލް އަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާ ވާދަކުރަން ޖެހޭއިރު ޗެލްސީއަށް އެޓީމުގެ ކުރީގެ ފޯވާޑް ޑިޑީއަ ޑްރޮގްބާ ކުޅެމުން އަންނަ ތުރުކީގެ ގަލަތަސަރާއީއާ ވާދަކުރަން ޖެހިއްޖެ އެވެ.

ސްވިޒަލެންޑުގެ ނިޔޯންގައި އޮތް ގުރުއަތު ނެގުމުގައި އާސެނަލް އަށް ބަޔާން ލައްވައިލި މިދިޔަ ސީޒަންގެ ޗެމްޕއަންސް ލީގު ޓްރޮފީ ހޯދުމަށް ކުރި ދަތުރުގައި އާސެނަލް ގަދަ 16 އިން ކަޓުވައިލީ ބަޔާން އެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިއަށް ދިއުމަށް އާސެނަލް އަށް ޖެހޭނީ، ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާގެ އިރުޝަދުގެ ދަށުން މިހާރުވެސް ޔޫރަޕުގެ އެންމެ އުހުގައި އޮތް ބަޔާން ހަމަބިމަށް ތިރިކޮށްލާށެވެ.

މެންޗެސްޓާ ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ނޮކްއަޓް ސްޓޭޖުގެ ފުރަތަމަ އިމްތިހާނާ ކުރިމަތިލާން ޖެހުނީ ގާޑިއޮލާގެ ކުރީގެ ޓީމް ކަމަށްވާ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި އެވެ.

ދެވަނަ ބުރުގައި ޗެލްސީ އަށް ގަލަތަސަރާއީ ލައްވައިލި އިރު މިއީ އެޓީމުގެ ލެޖެންޑް ޑްރޮގްބާ އެ ކްލަބާއެކު ހޭދަކުރި އަށް އަހަރަށް ފަހު 2012 ވަނަ އަހަރު ސްޓެމްފޮޑް ބްރިޖް ދޫކޮށް ދިޔަފަހުން ޗެލްސީއަށް ޑްރޮގްބާއާ ކުރިމަތިލާން ޖެހޭ ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަންގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑަށް ރަޝާގެ ޕީޓާސްބާގް ލައްވައިލިއިރު އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ވާދަކުރަން ޖެހޭނީ ގްރީކުގެ އޮލިމްޕިއާކޯސްއާ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑް 10ވަނަ ޗެމްޕިއަންސް ލީގު ޓްރޮފީއަށް ލޯއަޅަމުން އަންނައިރު އެޓީމު ވާދަކުރަން ޖެހެނީ ޖަރުމަނުގެ ޝަލްކާ އާއެވެ.

އިޓަލީގެ އޭސީ މިލާން ސްޕެއިން ލީގުގެ އުހުގައި ފިޔަޖަހަމުން އަންނަ އެތުލެޓިކޯ މެޑްރިޑާ ކުރިމަތިލާން ޖެހޭއިރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީ) ވާދަކުރަން ޖެހޭނީ ޖަރުމަނުގެ ބެޔާ ލެވަކޫސަންއާ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ ފެބްރުއަރީ މަހުގެ 18ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މޭ މަހުގެ 24 ވަނަ ދުވަހު ޕޯޗުގީޒުގެ ވެރިރަށް ލިޒްބަންގެ ސްޓޭޑިއަމް އޮފް ލައިޓުގަ އެވެ.