އެމެރިކާގެ ޖާސޫސީ ސިއްރު ލިޔެކިޔުންތައް އާއްމު ކުރުން ހުއްޓައިލާން އެޑްވަރޑް ސްނޯޑަން އެއްބަސް ވެއްޖެ ހާލަތެއްގައި އޭނާއަށް މާފު ދިނުމާ މެދު ވިސްނަމުން ގެންދާ ކަމަށް އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ އޭޖެންސީ (އެންއެސްއޭ) ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހިންގައިފައި ވާ އެތައް ހަރަކާތްތަކަކާ ބެހޭ މައުލޫމާތު ހިމެނޭ ސިއްރު ލިޔެކިޔުންތަކެއް ފަޅާ އަރުވައިލި އެޑްވަރޑް ސްނޯޑަނާ ދެކޮޅަށް އެމެރިކާގެ އިދާރާތަކުން ވަނީ ޖިނާއީ އެތައް ކުށެއްގެ ތުހުމަތު އުފުލައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މުދަލުން ވައްކަން ކުރުމުގެ ކުށުގެ ތުހުމަތާއި، ގައުމީ ސަލާމަތާ ބެހޭ މައުލޫމާތު ހުއްދަ ނެތި އެހެން ފަރާތްފަރާތަށް މުއާސަލާތު ކުރުމުގެ ކުށުގެ ތުހުމަތާއި، ސިއްރު ޖާސޫސީ މައުލޫމާތު ހުއްދަ ނެތި ހާމަ ކުރުމުގެ ކުށުގެ ތުހުމަތު ހިމެނެއެވެ. މި ހުރިހާ ތުހުމަތުތަކެއް ސްނޯޑަންގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، ގިނަވެގެން 30 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލެވިދާނެއެވެ.

ސްނޯޑަނާ ދެކޮޅަށް ކުރެވިފައި ވާ ތުހުމަތުތަކާ ގުޅިގެން، އޭނާ މިހާރު އުޅެނީ ރަޝިއާއިން ސިޔާސީ ހިމާޔަތް ހޯދައިގެން އެ ގައުމުގައެވެ.

ސްނޯޑަން އާއްމު ކުރި ލިޔެކިޔުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަކީ ކޮބައިތޯ ބަލައި ދިރާސާ ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެންއެސްއޭގެ އޮފިޝަލް ރިޗަރޑް ލެޑްގެޓް މިއަދު ވިދާޅުވެފައި ވަނީ ސްނޯޑަނަށް މާފު ދިނުމަކީ އޮތް އިޚްތިޔާރެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ މެދު ވާހަކަ ދައްކައި މުހާވަރާއަކަށް ދިޔުން މުހިއްމު." އެމެރިކާގެ ސީބީއެސް ޓީވީގައި ވާހަކަ ދައްކަވަމުން ލެޑްގެޓް ވިދާޅު ވިއެވެ.