17 Dec 2013, 09:24
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮންމެ ރައްޔިތަކަށާއި އާއިލާއަށް ޒިންމާވާނޭ ޑޮކްޓަރެއް ކަނޑައެޅުން ފެށިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ހާސިލުކުރާނެ ކަންތައްތައް ހިމަނާފައިވާ މަގުޗާޓު އިއުލާން ކުރުމަށް ނެޝަނަލް އާޓް ގެލަރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަ ރަށްތަކުގައި އެންމެ އަސާސީ ސިއްހީ ހިދުމަތުން ފެށިގެން އާއްމު ސިއްހަތުގެ މިންގަނޑާއި ހަމައަށް ވެސް ލިބެން ނެތުމާއި ރާއްޖެއިން ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަވުމުގެ ސަބަބުން ބޭރުން ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުން ދަތިވެފައިވާތީ އެއީ ސިއްހީ ނިޒާމަށް ހުރި ބޮޑެތި ގޮންޖެހުންތަކެއް ކަމަށެވެ.
"ސިއްހީ ދާއިރާއަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދާއިރާއެއް. ކުދި ކުދި ރަށްތަކުގައި ވަކިވަކިން ދިރިއުޅޭ އާބާދީތަކަށް އެންމެ އަސާސީ ސިއްހީ ހިދުމަތްތަކުން ފެށިގެން އާއްމު ސިއްހަތުގެ މިންގަނޑުތައް ކޮންމެ ރަށެއްގައި ބެލެހެއްޓުމާއި ދާއިމީ ބޭސްފަރުވާ ކުރަންޖެހޭ ބަލިތަކަށް ހިދުމަތް ދިނުންފަދަ ހާއްސަ ސިއްހީ ފަރުވާގެ ނިޒާމަށް ބޭނުންވާ އާލަތާއި އިންސާނީ ވަސީލަތްތައް ބޭނުންވާ މިންވަރާ ގާތަށް ވެސް ރާއްޖެއިން ލިބެން ނެތުން އެއީ އެންމެ ބޮޑު ދަތިކަން،" ޝަކީލާ ވިދާޅުވި އެވެ.
އެ ގޮންޖެހުންތައް ހުރި ކަމުގައި ވީނަމަވެސް މިހާރު އިންތިހާބުވެފައިވާ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހަމަޖެހުމެއް އިހުސާސް ކުރެވޭނެ ފަދަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ ރައްޔިތަކަށާއި އާއިލާއަށް ޒިންމާވާނޭ ޑޮކްޓަރެއް ކަނޑައަޅައި އެ ޕްރޮގްރާމް އެ 100 ދުވަހު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ސްޕެޝަލިސްޓުންގެ މައްސަލަ އާއި ކިޑްނީ އަދި ކެންސަރުގެ ބަލިމީހުންނަށް ވެސް ލުއި ފަސޭހަ ގޮތްތަކެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ވެސް ޑރ. ޝަކީލާ ވިދާޅުވި އެވެ.
"ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުމުގެ މަގުފަހި ކޮށްދެވޭނެ. މީގެ އިތުރުން ކިޑްނީ ބައްޔާއި ކެންސަރު ބައްޔަށް ހާއްސަ ކޮށްގެން ރަށުގައި ތިބެގެން ފަރުވާ ކުރެވޭނެ ގޮތުގެ މަތިން ބޭހާއި ސިއްހީ ލަފައާއި ޓެސްޓް ހެދުމުގެ މަގު ތަނަވަސް ވެގެންދާނެ. އައިޖީއެމްއެޗެ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވިލިމާލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުންވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ކުރިއެރުމާއި ސިއްހީ ދާއިރާ މުއްސަނދި ވާނެ ކަމެއް ކަމަށް ފާހަގަކުރައްވާ ޑރ. ޝަކީލާ ވިދާޅުވީ ސިއްހީ ދާއިރާއަށް ދިވެހިން ޝައުގުވެރިކުރުވުމަށް އެ ދާއިރާއިން ކުރިއެރުމަށް ފުރުސަތުތަކާއި މުސާރައިގެ ކުރިއެރުންތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މުޖުތަމައުއެއް ތަރައްގީ ވެފައިވާ މިންވަރު އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އާއްމު ހާލަތަށްވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހުންނަށް ކަންކުރާ ގޮތުގެ މައްޗަށް ކަމަށާއި ރާއްޖޭގައި ގެވެށި އަނިޔާ އާއި ވަރިގިނަވުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ނިކަމެތި ހާލެއްގައި އުޅުމަކީ ގައުމެއްގެ ހައިސިއްޔަތުން ބޮޑު އަގެއް ދައްކަންޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރިމަތިވަމުންދާ ނިކަމެތިކަމާއި އަނިޔާއިން ރައްކާތެރިކުރުމަށް މެދުނުކެނޑި ޕްރޮގްރާމް ތަކެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ އިތުރު ކަންތައްތައް ފާހަގަކުރައްވާ ޑރ. ޝަކީލާ ވިދާޅުވީ އައިޖީއެމްއެޗްގެ އޯޕީޑީ ހަތަރު ގަޑިއިރު ދެ ދަންފަޅިއަށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސާ ސިއްހީ ދާއިރާއިން ކިޔަވަންދާ މީހުންގެ ބޮންޑެއް ކަނޑައަޅައި އެފަރާތްތަކުގެ ހިދުމަތް ރާއްޖެއަށް ލިބޭނެ ކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ކުލިނިކްތައް ވެސް އާސަންދައިގެ ނިޒާމުގައި ބައިވެރިވުމަށް ހުރަހެއް ނެތް ކަމަށާއި އާސަންދައިގައި ބައިވެރިނުވާ ކުލިނިކްތަކުން ދޫކުރާ ބޭސް ސިޓީތަކަށް އާސަންދައިގެ ދަށުން ބޭސް ހޯދުމަށް އައިޖީއެމްއެޗްގައި ކުރިއަށްގެންދާ ގޮތަކީ ރަނގަޅު ގޮތަކަށް ނުވާތީ އެކަންތައް ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.