އާދީއްތަ ދުވަހު ލިވަޕޫލް އަތުން 5-0ގެ ބޮޑުތަފާތަކުން ޓޮޓެންހަމް ހޮޓްސްޕާ ޕްރިމިއާ ލީގުގައި ބަލިވި މެޗަށް ފަހު އެޓީމުގެ ކޯޗު އަންދްރޭ ވިއަސްބޮއަސް މަގާމުން ވަކިކޮށްފި އެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ އަށް ޕޮއިންޓް މަދުން ލިބި ތާވަލުގެ ހަތް ވަނައިގައި މިވަގުތު އޮތް ޓޮޓެންހަމް އާދިއްތަ ދުވަހު ލިވަޕޫލް އަތުންވި ބައްޔަކީ ވޭތުވެ ދިޔަ 16 އަހަރު ތެރޭގައި އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

ޗެލްސީގެ ކުރީގެ ކޯޗު 36 އަހަރުގެ ވިއަސް ބޮއަސް ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ.

"ކްލަބުގެ ހެޑް ކޯޗު އަންދްރޭ ވިއަސް ބޮއަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް އޭނާއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ކުލަބުން އިއުލާން ކުރަން،" ޓޮޓެންހަމްގެ ބަޔާނުގައިވެ އެވެ. "މި ނިންމުމަކީ ދެފަރާތުން އެއްބަސްވެގެން ދެފަރާތަށް ވެސް އެންމެ ފައިދާހުރި ގޮތުގައި ނިންމާފައިވާ ނިންމުމެއް."

ކެޕިޓަލް ވަން ކަޕްގައި އަންގާރަދުވަހު ވެސްޓްހެމްއާ ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމްގެ ވަގުތީ ކޯޗެއްގެ ގޮތުގައި ހުންނާނީ ޓެކްނިކަލް ކޯޑިނޭޓަރު ޓިމް ޝާވުޑް އެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު މި ދިޔަ މަހު އެޓީމު ވަނީ މެންޗެސްޓާ ސިޓީ އަތުން 6-0ގެ ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

ވިއަސްބޮއަސް ވަނީ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމު ކުޅުނު ލީގު މެޗުތަކުގެ 53.7 އިންސައްތަ ކާމިޔާބުކޮށްފަ އެވެ. މިއީ 1992ގައި ޕްރިމިއާލީގު ފެށުނުފަހުން އެޓީމުގެ ކޯޗަކަށް ހޯދިފައިވާ އެންމެ ރަނގަޅު ކާމިޔާބެވެ.