16 Dec 2013, 23:32
ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަތް "ހުސްނުވާ އާސަންދަ" އަންނަ ޖެނުއަރީމަހު ފެށިގެންދާނެ ކަމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިމެނޭ މަގުޗާޓު އިއުލާން ކުރުމަށް މިރޭ ނެޝަނަލް އާޓްސް ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ހުސްނުވާ އާސަންދައިގެ ޚިދުމަތް ޖެނުއަރީގައި ފެށިގެންދާއިރު ސިއްހީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް ވެސް އޭގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމު ކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަޅުނގަޑު އިލްތިމާސް ކުރަން ބޭނުންވަނީ އާސަންދައިގެ ޚިދުމަތަކީ ހަމައެކަނި ސަރުކާރުން ދެއްވާ ޚިދުމަތަކަށް ނުހައްދަވާށޭ. އެ ޚިދުމަތުގައި އަމިއްލަ ފަރާތަކުން ހަރަކާތެރިވާ އިރުގައިވެސް އެފަރާތްތަކަށްވެސް އަޅުނގަޑުގެ އިލްތިމާޒަކީ މިއީ ޚިދުމަތެއް ކަމަށް ދެކިވަޑައިގަތް މިކަމަކީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް މި ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވާށޭ،" ނައިބް ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް ދިމާވެފައި ވަނީ މީގެކުރިން ސިއްހީ ދާއިރާގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލު ކަމުނުދާތީ ކަމަށެވެ.
"މީގެ ކުރީގައި ފައްޓާފައިވާ ޕްރިމަރީ ހެލްތް ކެއާ ފަދަ ޅަފަތުގައި ކުދިންނަށް ވެކްސިން ދިނުންފަދަ ކަންތައްތައް ހީނަރުވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އަދި އޭގެ އިތުރުން މުޅި ސިއްހީ ދާއިރާއަށް ގެނެވުނު ބައެއް ކަހަލަ އިންތިޒާމުތަކުގެ ތެރޭގައި ސިއްހީ ދާއިރާ ހީނަރުވުމުގެ ސަބަބުން ހަގީގަތުގައި ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި މިވަނީ،" ނައިބް ރައީސް ވިދާޅުވި އެވެ.
ނާއިބް ރައީސް ވިދާޅުވީ އެންމެ ބޮޑު ސަމާލުކަމެއް މިހާރު ދޭންޖެހިފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ކޮންމެ ތަނެއްގައި ހުރެގެން ސިއްހީ ޚިދުމަތަށް ވާސިލް ވެވޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހުރި ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ބައްޔަކަށް ކޮންމެ ފަހަރަކު އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ދަތުރުކުރަން ޖެހުމަކީ ހަގީގަތުގައި މިހާރު މިއޮތް ނިޒާމު އިތުރަށް ބަރުވެ ބުރަހެލިވެގެންދާ އެއް ސަބަބު. އެހެންވީމާއި ރާއްޖޭގެ އުތުރާއި ދެކެނުގައި މިހާރު ހުރި މައިގަނޑު ދެ ހޮސްޕިޓަލުގެ ފެންވަރު އިތުރަށް މަތިކޮށް ތަރައްގީ ކުރުމަކީ މިއަދުގެ ސަރުކާރުން އިސްކަމެއް ދީގެން ކުރާނެ ކަމެއް. އަދި އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގެ ތެރެއިންނާއި ބޭރުންވެސް ހިލޭ އެހީ ހޯދައިގެން ނަމަވެސް އެ ދެ ހޮސްޕިޓަލާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުވެސް ތަރައްގީވެގެންދާނެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މުޖުތަމައުއެއްގެ ހަމަޖެހުމާއި ރައްކާތެރިކަމުގެ އެންމެ މުހިއްމު އަސާސަކީ ފަސޭހަކަމާއި އެކު ވާސިލް ވެވޭނެ އިތުބާރު ލިބިގެންވާ ރަނގަޅު ސިއްހީ ނިޒާމެއް އެ މުޖުތަމައުއެއްގައި ގާއިމުވެފައި އޮތުން ކަމަށާއި އެކަން ހާސިލްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ.