ފަސް ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ލޯން އެހީގައި ކ. ހިންމަފުށި، ހދ. ނޮޅިވަރަންފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް 15 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ކޮންސަލްޓެންސީ މަސައްކަތާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ފައިނޭންޝަލް އޯޑިޓް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓަކަށްވާތީ ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި ޢަމަލުކުރެވޭނީ އެ ބޭންކުގެ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ގައިޑްލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. މިގޮތުން އެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތްތަކުގެ ބީލަން ކާމިޔާބުކުރާ ފަރާތްތައް ހޮވުމުގައި އަމަލުކުރާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ފައިނޭންސިންގެ ދަށުން ގާއިމްކުރެވިފައިވާ ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭ ގައިޑްލައިންގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުގެ މަތިން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކާއި ކޮންސަލްޓަންސީގެ މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބައިނަލްއަގުވާމީ ވާދަވެރި ބީލަމުގެ އުސޫލާއި ހަމަތަކުގެ މަތިން އައިސީބީ ނުވަތަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ މެންބަރު ގައުމުތަކަށް އަމާޒުކޮށް ވާދަވެރި ބީލަމުގެ އުސޫލާއި ހަމަތަކުގެ މަތިން ވަރަށް އަވަސް ފުރުސަތެއްގައި އިއުލާން ކުރެވޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ގަވާއިދުތަކުގެ ދަށުން ޕްރީކޮލިފައި ނުވަތަ ބިޑު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތުތަކުގައި މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ.