ގަތަރަށް ދިއުމަށް ނަގަން ޖެހޭ ވިސާ އޮންލައިންކޮށް ހޯދޭ ހިދުމަތެއް ގަތަރު އެއާވޭސްއިން ތައާރަފް ކޮށްފި އެވެ.

މި ހިދުމަތް ބޭނުން ކުރެވެނީ ގަތަރު އެއާވޭސްގައި ދަތުރު ކުރާ ފަރާތްތަކަށެވެ. އެއް މަސްދުވަހުގެ މުއްދަތަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ދޫކުރެވޭ (ސިންގަލް އެންޓްރީ) ވިސާ ލިބޭތާ 60 ދުވަސް ތެރޭގައި ބޭނުން ކުރަން ޖެހެއެވެ.

އޮންލައިންކޮށް ވިސާ ހެއްދުމުގެ އަގަކީ މީހަކަށް 55 ޑޮލަރެވެ. މިގޮތަށް ހުށަހަޅާތާ 10 ދުވަސް ތެރޭގައި ވިސާ ލިބެއެވެ. އެއަށްވުރެ އަވަހަށް ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން 120 ޑޮލަރު ދެއްކުމުން ގާތްގަނޑަކަށް 7 ދުވަސް ތެރޭގައި ވިސާ ހައްދައިދެއެވެ.

އޮންލައިންކޮށް ވިސާ ހެއްދުމަށްޓަކައި ގަތަރު އެއާވޭސްއިން ނަގައިފައިވާ ދެކޮޅު ޓިކެޓަކައި“ޑިސްކަވަރ ގަތަރު” ކުންފުނިން ހައްދާފައިވާ ގަތަރުގެ ހޮޓަލެއްގެ ރެޒަވޭޝަނެއްވެސް ބޭނުންވާނެއެވެ. ވިސާ ދޫކުރާނީ ހޮޓެލް ރެޒަވޭޝަން ހަދާފައިވާ މުއްދަތަށެވެ.

ވިސާ ނެގުމަށްފަހު މުއްދަތެއް އިތުރެއް ނުކުރެވެއެވެ. އަދި ވިސާ ބޭނުން ކުރަން އޮންނަ މުއްދަތެއްވެސް އިތުރެއް ނުކުރެވެއެވެ. އޮންލައިން ވިސާ މެދުވެރިކޮށް ގަތަރަށް ދާ މިހަކު ދާންޖެހޭނީ ޓޫރިސްޓެއްގެ ގޮތުގައެވެ. އަދި 30 ދުވަހަށްވުރެ ދަތުރު ދިގެއްވެސް ނުކުރެވެއެވެ. ވިސާ ހައްދަން ދައްކާ އެޕްލިކޭޝަންފީ ދެއްކުމަށްފަހު އަނބުރައެއްވެސް ނުލިބެއެވެ.

ގަތަރު އެއާވޭސްގެ ތަރުޖަމާނެއް ބުނީ މުޅިން އާ މި ސިސްޓަމްގެ ސަބަބުން ގަތަރަށް ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. “އެމީހެއްގެ ވިސާ އެޕްލިކޭޝަން ގޮސްފައިވާ ހިސާބު އޮންލައިންކޮށް ބަލައިލުމުގެ އިހްތިޔާރުވެސް އެ މީހަކަށް އޮންނާނެ،” އޭނަ ބުންޏެވެ.

ގަތަރަކީ އަދުގެ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ގައުމެވެ. އެ ގައުމަށް އެތެރެވާ ޓޫރިސްޓުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަށް ގަތަރުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތް ކުރަމުންނެވެ.