މިހާރު ކޯސްޓްގާޑް ބިލްޑިންގ ހުރި އިމާރާތް ތަޅާލައި ޑިފެންސް މިނިސްޓްރީ އާއި ކޯސްޓްގާޑް މަރުކަޒު ހިމެނޭގޮތައް އެތަނުގައި 10 ބުރީގެ އިމާރާތެއް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަން ހަމަޖެހިފައި ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގައި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަސްކަރީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި އެޅުމަށް ހަމަޖެހިފައިވާ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު އެޅުމަށްޓަކައި މިހާރު ކުރިއަށްދާ ބިޑިން ސްޓޭޖް ނިމުމުން އިންޑިއާ ސަރުކާރުގެ ޚަރަދުގައި އެސެންޓަރު އެޅުމާއިބެހޭގޮތުން މަޝްވަރާ ވެސް ޑިފެންސް މިނިސްޓަރު ނާޒިމް މަޝްވަރާ ކުރެއްވި ކަމަށެވެ.

ސެނެހިޔާގައި އެމްއާރްއައި އަދި ސީޓީ ސްކޭން ބެހެއްޓުމާއި ގުޅޭގޮތުން ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްޓަކައި އެކަމާބެހޭ ޓެކްނިކަލް ޓީމެއް މިމަހުގެ ތެރޭގައި ރާއްޖެ އަންނަގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސެނަހިޔަގައި ބައްލަވާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވާ އެކިދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމްތައް ޑެޕިއުޓޭޝަން ބޭސިސްއެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އަވަސް ކުރިމަގެއްގައި މަސައްކަތްކުރަން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.