09 Dec 2010, 14:38
ރަށްރަށުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރާ، އަދި ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ މިހާރު ވެސް ލިބެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންން ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އިންތިހާބާ ދިމާކޮށް ރަށްރަށުން ގޯތި ދެމުންދާ ކަމަށާއި މިފަދަ އަމަލުތައް ނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް ކޮމިޝަނުން މިހާރު އަންގާފައިވާނެ ކަމަށެވެ. ގޯތި ދެމުންދާ މައްސަލަ ކޮމިޝަނުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
"... މިދެންނެވިފަދަ އަމަލުތައް މި ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުން ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގައި އިލްތިމާސް ކުރަމެވެ،" ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
ކޮމިޝަނުން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތު ކަމަށާއި އެހެންކަމާއެކު އެ ގޮތް މަތީން އިންތިހާބުގެ އެންމެހާ ކަންކަން ކުރުމަށް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ.